އިންގްލެންޑުން ޔޫރޯ ކޮލިފިކޭޝަންގައި މާލްޓާއާއި ނޯތު މެސަޑޯނިއޯއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުން، ޖޫޑް ބެލިންހަމް އާއި ލެވީ ކޮލްވިލް ވެސް ބޭރުވެއްޖެއެވެ.
އެ ދެ ކުޅުންތެރިންވެސް އަމިއްލައަށް ސްކޮޑުން ބޭރުވީ ކޮނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. އިންގްލެންޑްގެ މެޗުތައް މިމަހުގެ 17 ވަނަ ދުވަހާއި 20 ވަނަ ދުވަހު އޮތް އިރު، އެ ދެ ކުޅުންތެރިންނާއެކު މިހާތަނަށް ޖުމަލަ ފަސް ކުޅުންތެރިޔަކު ވަނީ ސްކޮޑުން ބޭރުވެފައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ބެލިންހަމްއާއި ކޮލްވިލްގެ އިތުރުން މިހާތަނަށް އިންގްލެންޑް ސްކޮޑުން އަނިޔާގެ ސަބަބުން ބޭރުވީ ޓޮޓެމްހަމްއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޖޭމްސް މެޑިސަންއާއި ނިއުކާސަލްގެ ފޯވަޑް ކަލުމް ވިލްސޮންއާއި ބްރައިޓަންގެ ލެވިސް ޑަންކެވެ. ކުރިން ބޭރުވި ކުޅުންތެރިންގެ ބަދަލުގައި ގެރެތު ސައުތުގޭޓް ވަނީ ޒުވާން ތިން ކުޅުންތެރިޔަކަށް އިންގްލެންޑް ސްކޮޑުން ޖާގަ ދީފައެވެ.
އެއީ ޗެލްސީގެ ކޯލް ޕާމާއާއި އެޒްރީ ކޮންސާ އަދި މެންޗެސްޓާ ސިޓީގެ ރިކޯ ލެވިސްއެވެ.
އިންގްލެންޑުން މިހާތަނަށް ކުޅުނު ކޮލިފިކޭޝަން މެޗުތަކުގައި ހޯދި ނަތީޖާއާއެކު އެޓީމުން ވަނީ އަންނަ އަހަރުގެ ޔޫރޯ ކޮލިފިކޭޝަން ޔަގީން ކޮށްފައެވެ. މާލްޓާއާއި މެސަޑޯނިއާގެ މެޗަށް ކޯޗު ސައުތުގޭޓް، އިތުރު ކުޅުންތެރިން ސްކޮޑަށް ނުނަގާނެއެވެ.
އިންގްލެންޑް
އިންގްލެންޑް
އިންގްލެންޑް