އަފްގާނިސްތާން ފުޓުބޯޅަ ފެޑަރޭޝަނުގައި ކޮރަޕްޝަން ހިނގާ ކަމަށް ބުނެ، ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމު ބޮއިކޮޓް ކޮށްފި ކަމަށް ދަ ގާޑިއަންއިން ޝާއިރުކޮށްފައިވާ ހަބަރަކީ މާ ބޮޑު ހަގީގަތެއް އެކުލެވޭ ހަބަރެއް ނޫން ކަމަށް ޓީމުގެ ކުޅުންތެރިން ބުނެފިއެވެ.
ގާޑިއަންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަފްގާނިސްތާނުގެ 18 ކުޅުންތެރިޔަކު، އެގައުމުގެ އެފްއޭގެ ޝަކުވާތައް އޭއެފްސީ އާއި ފީފާއަށް ހުށަހަޅާފައިވެއެވެ. އެ ޝަކުވާތަކުގެ ތެރޭގައި ގައުމީ ޓީމަށް ލިބޭ ފައިސާ އެފްއޭއިން ނަހަމަ ގޮތުގައި ބޭނުންކޮށް، ގައުމުގެ ފުޓުބޯޅައަށް ހުރަސް އަޅާ ކަމަށް ބުނެފައިވެއެވެ.
ގާޑިއަންއިން ބުނީ އެ މައްސަލަ ފީފާއަށް ހުށަހެޅުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރަނީ އިނގިރޭސިވިލާތުގެ ނޭޝަނަލް ލީގުގައި ކުޅެމުންދާ ނޫރު ހުސިން ކަމަށެވެ. އޭނާއާއެކު ކުރީގެ ކެޕްޓަން ފަރްޝާދު ނޫރުވެސް މައްސަލަ ހުށަހެޅި ސިޓީގައި ސޮއިކޮށްފައިވާ ކަމަށް ގާޑިއަންއިން ބުނެއެވެ. އެހެން ނަމަވެސް އިތުރު ކުޅުންތެރިންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.
އެ ވާހަކަތައް އަފްގާނިސްތާން ފުޓުބޯޅަ އިދާރާގެ ބެހްރާމް ސިއްދީގު ދޮގުކުރައްވާފައިވާ އިރު، އޭނާ ވިދާޅުވެފައި ވަނީ 2021 ވަނަ އަހަރުން ފެށިގެން އަފްގާނިސްތާން އެފްއޭއަށް ފީފާއިން ފަންޑް ޖަމާކޮށްފައި ނުވާ ކަމަށެވެ. އެ ކަމުގައި މިހާރު ފީފާގެ އިރުޝާދުގެ ދަށުން އޮޑިޓް ރިޕޯޓުތައް ފުރިހަމަ ކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަފްގާނިސްތާން ގައުމީ ފުޓުބޯޅަ ޓީމުން، ގަތަރާ ދެކޮޅަށް ކުޅެން އޮތް ކޮލިފިކޭޝަން މެޗަށް މީގެ ދެތިން ދުވަސް ކުރިން ގަތަރުގައި ކޭމްޕް ކޮށްފައިވާ އިރު، ކުރިން ރާއްޖޭ ލީގުގެ ނިއު ރޭޑިއަންޓަށް ކުޅުނު ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޒޮހިބް އިސްލާމް އަމީރީ "ވަން ސްޕޯޓްސް"އަށް ބުނީ ބޮއިކޮޓް ކުރި ހަބަރަކީ ހަގީގަތެއް ނެތް ހަބަރެއް ކަމަށެވެ.
"އިނގިރޭސިވިލާތުގައި ކުޅޭ ބައެއް ކުޅުންތެރިން އެކަހަލަ ކަމަކާ އުޅޭ ނަމަވެސް، އަހަރެމެންވެސް މިތިބީ ހައިރާންވެފައި އެ ހަބަރު ފެނިގެން. މި ކޭމްޕްގައި އެބަތިބި ގައުމީ ޓީމުގެ ކުޅުންތެރިން،" އަމީރީ ބުންޏެވެ.
އަފްޣާނިސްތާން
އަފްޣާނިސްތާން
އަފްޣާނިސްތާން
އަފްޣާނިސްތާން