ޕާކިސްތާނުން އަފްގާނިސްތާނުގެ އެތެރެއަށް ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 13 މީހަކު މަރުވެއްޖެއެވެ. ރޭ ފަތިހު ދިން މި ހަމަލާތައް އަމާޒުކޮށްފައިވަނީ އަފްގާނިސްތާނުގެ އިރުމަތީ ޕްރޮވިންސްތައް ކަމަށްވާ ހޯސްޓް، ކުނާރު އަދި ޕަކްޓިކާއަށެވެ. މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް ހަމަހިމޭންކަން ނިމުމަކަށް ގެނުވި ހަމަލާތަކެކެވެ.
އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އަޅާފައިވަނީ އާންމުން ދިރިއުޅޭ ގެތަކަށެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 11 ކުޑަކުދީންނާއި އަންހެނެއްގެ އިތުރުން އުމުރުން ދުވަސްވީ ފިރިހެނަކު ހިމެނޭ ކަމަށާއި، އިތުރު 14 މީހަކަށް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ މިއީ ޕާކިސްތާނުގެ އެތެރޭގައި ދާދިފަހުން ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން، ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ހަނގުރާމަވެރިން ފިލައި ތިބޭ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.
ޕާކިސްތާނު ސަރުކާރިުގެ އޮފިޝަލަކު ބުނި ގޮތުގައި މި އޮޕަރޭޝަނުގައި 26 ހަނގުރާމަވެރިން ވަނީ މަރާލައިފައެވެ. އަފްގާނިސްތާނުން ޓެރަރިސްޓުންނަށް ހިމާޔަތް ދޭ ކަމަށް ޕާކިސްތާނުން ތުހުމަތުކުރި ނަމަވެސް، ކާބުލްއިން ވަނީ އެކަން ދޮގުކޮށްފައެވެ. މިއަދުގެ ހަމަލާތައް ދީފައިވަނީ، ޕާކިސްތާނުގެ ހައިބަރު ޕަހްތުންހުވާ ޕްރޮވިންސްގައި ހުންނަ ސަލާމަތީ ބާރުތަކުގެ ޗެކްޕޯސްޓަކަށް ޓީޓީޕީން ހަމަލާދީ ހަ ސިފައިން މަރާލާފައިވާ ދަނޑިވަޅެއްގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ގޯސްވެ، ސަރަހައްދީ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ. ފާއިތުވި ފެބްރުއަރީ މަހުން ފެށިގެން ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރުން އިތުރުވެފައިވާއިރު، މީގެ ކުރިން ޕާކިސްތާނުން ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އަފްގާނިސްތާނުގެ ސިފައިން ވެސް ވަނީ ބޯޑަރު ހުރަސްކޮށް ޕާކިސްތާނުގެ ޕޯސްޓުތަކަށް ހަމަލާދީފައެވެ. މިއަދުގެ ހަމަލާތަކަށްފަހު ބޯޑަރު ސަރަހައްދުގެ މަސްރަހު މިވަގުތު އޮތީ މަޑުޖެހިފައި ކަމަށް ވެއެވެ.
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން