އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާކުރާ ހަލީމަތު ލަމްހާގެ ފައިގައި ޓެގު އެޅުވުމަށް ފަހު އޭނާ ދޫކޮށްލަން ވަކީލުން އެދިއްޖެއެވެ.
މޭރީ މަރާލިކަމުގެ ތުހުމަތުގައިވަނީ އޭނާގެ ފިރިމީހާ، މާވިން އަށެވެ. ލަމްހާއަކީ މާވިންގެ ލޯބިވެރިޔާއެވެ.
ކުރިމިނަލް ކޯޓުން މިއަދު ވަނީ އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިވެރިއެއްގެ ހެކިބަސް ނަގައިފައެވެ. އެގޮތުން ދެ ފުލުހުންނާއި އައިޖީއެމްއެޗުގެ ނަރުހެއްގެ ހެކިބަސް ނަގައިފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި ލަމްހާގެ ވަކީލް އަހުމަދު ޔާމީން ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުގެ މަތީން، ލަމްހާގެ ބަންދު މުރާޖައާ ކޮށްދިނުމަށް ހުށަހަޅުއްވައިފައެވެ. ބަންދާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި ޔާމީން އެދިވަޑައިގަތީ ޓެގު އެޅުވުމަށްފަހު ލަމްހާ ބަންދުން ދޫކޮށްލުމަށެވެ.
ލަމްހާގެ ބަންދާ މެދު މިއަދުގެ އަޑުއެހުމުގައި ގޮތެއް ނުނިންމައެވެ. ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގެ ކުރިއަށް ބަންދާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.
ޝަރުތުކޮށްފައި ލަމްހާ ބަންދުން ދޫކޮށްދިނުމަށް މީގެ ކުރިންވެސް އެދިފައިވެއެވެ. ނަމަވެސް ލަމްހާއަކީ މުޖުތަމައަށް ނުރައްކާ އޮތް މީހަކަށްވާތީ މީގެ ކުރިންވެސް އޭނާ ބަންދުން ދޫކޮށްފައެއް ނުވެއެވެ،
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
މޭރީގެ ފިރިމީހާ މާވީގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ 2021 އަހަރު އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ އެއަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިރު އެތާގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު