ސައުދީ އަރަބިއާގެ އަލް-ހިލާލުން ހުށަހެޅި ހުށަހެޅުމަށް ނޫނެކޭ ބުނީ އުނދަގުލުން ކަމަށާއި، އެ ހުށަހެޅުމަށް ނޫނެކޭ ބުނީ ކެރިއަރަށް ވިސްނާފައި ކަމަށް ނަޕޯލީއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވަޑް ވިކްޓޯ އޮސިމްހެން ބުނެފިއެވެ.
އުމުރުން 24 އަހަރުގެ ފޯވަޑް އޮސިމްހެން އަކީ މިދިޔަ ސީޒަނުގައި އެންމެ ފޯމު ރަނގަޅުކޮށް ފެނުނު އެއް ފޯވަޑެވެ. އޮސިމްހެން ގެންދަން ސައުދީގެ ހިލާލުން 173 މިލިއަން ޕައުންޑުގެ އަގަކާއެކު ބޮޑު މުސާރައެއްވެސް ހުށަހަޅާފައިވެއެވެ. އޮސިމްހެން ބުނީ ހިލާލުން ހުށަހެޅި ބިޑް، އެ ޓީމުން ދިޔައީ ފަހަރަކަށްވުރެ ފަހަރެއް އިތުރުކުރަމުން ކަމަށެވެ.
"އަހަންނަށް ސައުދީން ކުރި ބިޑާއެކު ފުރަތަމަ ބުނީ ނޫނެކޭ. ނޫނެކޭ ހަމަ ބުނާއިރަށް ކުރިއަށްވުރެ ބޮޑު ބިޑެއް އެ ޓީމުން ދިޔައީ ކުރަމުން. މުސާރަވެސް ދިޔައީ ފަހަރެއް ފަހަރަށް ބޮޑުކުރަމުން. ޓްރާންސްފާ ސީޒަން ނިމެންދެން ސައުދީން ދިޔައީ އަގު އުފުލަމުން. އެއީ މުޅި ދިރިއުޅުން ބަދަލުވާނެ ޓްރާންސްފާއެއް ކަން އެނގިހުރެ ނޫނެކޭ ބުނަން އުނދަގޫވި. އެހެން ނަމަވެސް ނިންމުން ނިންމީ ކެރިއަރަށް ވިސްނާފައި،" މިދިޔަ ސީޒަނުގައި 31 ގޯލު ޖެހި އޮސިމްހެން ބުންޏެވެ.
ނަޕޯލީން 1990 ވަނަ އަހަރު ފަހުން ހޯދި ފުރަތަމަ ލީގު ތަށްޓާއެކު އޮސިމްހެންއަށް ހާއްސަ ކާމިޔާބެއް އެ ކްލަބާއެކު ލިބިފައިވާ އިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށްވެސް ނަޕޯލީ ދަތުރު ކޮށްފައިވެއެވެ.
ޕްރިމިއާ ލީގުގެ ކްލަބުތަކުންވެސް އޮސިމްހެން ގެންދަން މަސައްކަތް ކޮށްފައިވާ އިރު، އޭނާ ބުނީ ވަކި ޓީމަކާ ދޭތެރޭ އަދި ނުވިސްނާ ކަމަށެވެ. އެހެން ނަމަވެސް ގޭގައި އަބަދުވެސް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖާޒީއެއް އޮންނާނެ ކަމަށް ބުނަމުން އޮސިމްހެން ބުނީ އައިޑަލް އަކީ އަބަދުވެސް ކުރީ ޗެލްސީ ފޯވަޑް ޑިޑިއޭ ޑްރޮގްބާ ކަމަށެވެ.
އެ ވާހަކައިގެ ތެރެއިން އޮސިމްހެން ވަނީ ޑްރޮގްބާ އޭނާއަށް މެސެޖު ކުރުމުން، އެކަމުން ހާއްސަ އިހުސާސެއް ކުރެވުނު ކަމަށްވެސް ބުނެފައެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު