މިމަހުގެ 17 ވަނަ ދުވަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމައި، އެކަމުގެ ނޯޓިސް ވޮލީ ބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އިން ރޭ މެންބަރު ކްލަބުތަކަށް ފޮނުވައިފިއެވެ.

އެސޯސިއޭޝަނުން މެންބަރު ކްލަބުތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެންމެފަހުން ބޭއްވުނު އާންމު ޖަލްސާގައި ހިންގާ ގަވާއިދު އިސްލާހުކޮށް ފާސްކޮށްފައިވާ ކަމަށާއި، އެހިސާބުން ފެށިގެން އެއަށް އަމަލުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ވޮލީ ބޯޅަ އިދާރާގެ އާ ހިންގާ ގަވާއިދު މިމަހުގެ ތިންވަނަ ދުވަހު މެމްބަރު ކްލަބުތަކުން ފާސްކުރީ މިދިޔަ ތިން އަހަރު ތެރޭގައި ބޭއްވި ފުރަތަމަ އާންމު ބައްދަލުވުމުގައެވެ. އެސޯސިއޭޝަނުގެ ތިން އަހަރު ބަޖެޓް ފާސްކުރީވެސް އެ ބައްދަލުވުމުގައެވެ. އެތައް ޝަކުވާއެއް ވޮލީގެ އެކްސޯއަށް އޮތް އިރު، އެ އެކްސްކޯ ބަދަލުކުރުމަށް އަސާސީ ގަވާއިދުގައި ހާއްސަ މާއްދާއެއް ވަނީ ހިމަނައިފައެވެ.

އެގޮތުން އަސާސީ ގަވާއިދުގެ 56 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު، ހިންގާ ގަވާއިދު، ކޮންގްރެސްގެ ޖަލްސާއަކުން ފާސް ކުރާ ދުވަހުން ފެށިގެން ގިނަ ވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިހާބެއް ބާއްވައި އާ ހިންގާ ކޮމިޓީއެއް އިންތިހާބު ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

އިއްޔެއަށް އެ މުއްދަތު ހަމަވިއިރު، އިންތިހާބަކަށް ވީއޭއެމްއަށް މަސައްކަތް ކުރެވިފައި ނުވާ އިރު، އެ މަސައްކަތް ނުކުރެވި އޮތީ ސްޕޯޓްސް ކޮމިޝަނަރުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބިގެން ކަމަށް ވީއޭއެމްގެ އެކްސްކޯއިން "ވަން ސްޕޯޓްސް" އަށް މައުލޫމާތު ދީފައިވެއެވެ. އެ ހާލަތުގައި އޮތުމުން މެމްބަރު ކްލަބުތަކުގެ ތެރެއިން ގިނަ ކްލަބުތަކުން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮވާލައި ވީއޭއެމްއަށް ހުށަހަށައިފައެވެ.

ވީއޭއެމްއިން ރޭ މެންބަރު ކްލަބުތަކަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އިންތިހާބުގެ ކަންކަން ނިންމަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެސޯސިއޭޝަނުގެ މެމްބަރު ކްލަބުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ކްލަބުތަކުން އެދިފައިވާ ކަމަށާއި، އެހެންކަމުން 17 ވަނަ ދުވަހު އެ ކޮންގްރެސް ދައުރުގެ ތެރެއިން ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ކްލަބުތަކުން މަންދޫބުންގެ މައުލޫމާތު ހުށަހެޅުމަށްވެސް ވީއޭއެމްގެ ސިޓީގައިވެއެވެ.

ވޮލީގެ ކަންކަން ބޮއްސުން ލައިގެން ގޮސް، މިހާރު އޮތް ހާލަތުގައި އޮތުމާއެކު އެކްސްކޯ ހޮވުމަށް އޮންނަ ގޮތްތަކަށްވެސް ބަދަލު ގެންނަން އަސާސީ ގަވާއިދުގައި ވަނީ ފާސްކޮށްފައެވެ. އެގޮތުން ކުރިން ކޯޗުންނާއި ރެފްރީންގެ ވޯޓުން އެކްސްކޯއަށް ހޮވާ މެމްބަރުން، ކްލަބުތަކުގެ ވޯޓުން ހޮވަން ޖެހޭ ގޮތަށްވެސް ވަނީ ބަދަލުކޮށްގައެވެ. އަދި ހަމައެއާއެކު ޑިސިޕްލިނަރީ ކޮމިޓީއަށް މެމްބަރުން އައްޔަން ކުރާ ކުރުންވެސް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، ބީޗު ވޮލީއާއި އެހެން ޑިވިޝަންތަކާ ހަވާލުވުމަށްވެސް އެކްސްކޯއަށް ކުރިމަތިލާން ޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.