އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައިގައި ޝަރީއަތުން ސާފުކުރަން ހުރި ކަންކަން ސާފުކޮށްފިއެވެ.
އާރަށް މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް އިއްވީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
ހައިކޯޓުގައި މިއަދު އޮތް މައްސަލައިގައި ވަނީ، ޝަރީއަތުން ޔާމީންގެ ފަރާތްޕުޅުންނާއި އެމަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތްޕުޅުންނާއި ދައުލަތުން ސާފުކުރަން ހުރި ކަންކަން ސާފުކޮށްފައެވެ.
އެންމެ މުހިންމު ކަމަކަށް ޝަރީއަތުން ސާފުކޮށްފައިވަނީ އާ ހެކިތައް ހުށަހެޅި ގޮތާއި ހެއްކާ ބެހޭ ގާނޫނުގައިވާ ބައެއް ކަންކަމާއި އޭގެ ކުރިން އަމަލުކުރަމުން އައި ގޮތެވެ.
މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ހަސަން ޝަފީއު ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ފަހު ފުރުސަތު އެރުވުން ކަމަށެވެ.
"ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދެ ފަރާތަށްވެސް ފަހު ފުރުސަތު އަރުވާނަން. ފަހު ފުރުސަތުގައި 159 ނަންބަރު ގަޒިއްޔާއާ ގުޅިގެން ޝަރީއަތުން މި ގަސްތުކުރަނީ ފަރާތަކަށް 30 މިނެޓް އެރުވުމަށް، އެއީ އިސްތިއުނާފުކުރާ ފަރާތަށް 30 މިނެޓް އަދި ދައުލަތަށް 30 މިނެޓް. އަދި އެއަށްފަހު 122، 123 ވަނަ ގަޒިއްޔާއާ ގުޅިގެން ކޮންމެ ފަރާތަކުން އެއް ގަޑިއިރުގެ ވަގުތު ޝަރީއަތުން އަރުވާނަން،" ފަނޑިޔާރު ޝަފީއު ވިދާޅުވިއެވެ.
ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި ފަހު ފުރުސަތު އެރުވުމަށް ފަހު، ދެން އޮންނާނީ އެ މައްސަލައިގެ ހުކުމެވެ. ނަމަވެސް އެ އަޑުއެހުން އޮންނާނެ ދުވަހެއް ޝަރީއަތުން ވިދާޅެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު