ރާއްޖޭގެ ހާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ދެ ބޭފުޅަކަށް ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ދެ ބޭފުޅުންނަށް އެ ޝަރަފު އެރުވުމުގެ ރަސްމިއްޔާތު އޮންނާނީ، މާދަމާ ހެނދުނު 10:30 ގައި އެ އޮފީހުގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް ބުންޏެވެ.

މިއީ ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް އަލަށް އަރުވާ ޝަރަފެކެވެ. މި ޝަރަފުގެ ގޮތުގައި ރައީސް އަރުވާނީ މެޑެއްޔަކާއި އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ.

"ވަން" އަށް އެނގިފައިވާ އެ ޝަރަފު އަރުވަން ހަމަޖެހިފައިވާ ދެ ބޭފުޅުންނަކީ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަލީލެވެ.