އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ސީނިއާ ޑިވިޝަން، 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ވ. ކެޔޮދޫ ސްކޫލުން ހޯދި އިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފިއެވެ.

މެދުކެނޑުމަކަށްފަހު މިއަހަރު އިންޓަ ސްކޫލް ވޮލީ މުބާރާތް ފޯރިއާއެކުރި ކުރިއަށްދާ އިރު، އަންހެން ބައިގެ ފައިނަލުގައި ކެޔޮދޫ ސްކޫލުން ނުކުތީ މ. އަތޮޅު މަދަރުސާއާ ދެކޮޅަށެވެ. އެމެޗު ކެޔޮދޫ ސްކޫލުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

ކެޔޮދޫ ސްކޫލުން ރޭގެ މެޗު ރަނގަޅަށް ފަށައި، 20-25 އިން ފުރަތަމަ ސެޓު ގެންދިޔައެވެ. އެހެން ނަމަވެސް ދެވަނަ ސެޓުގައި މ. އަތޮޅު މަދަރުސާއިން ކުޅުން ރަނގަޅުކޮށް، ބޮޑު ލީޑެއްގައި އޮވެ ދެވަނަ ސެޓު ގެންދިޔައެވެ. އެއީ 25-14 އިންނެވެ. ދެވަނަ ސެޓުގައި މ. އަތޮޅު މަދަރުސާއިން ހިތްވަރުކޮށް ކުޅުނު ނަމަވެސް، ދެން ޖެހިގެން އައި ދެސެޓުގައިވެސް ކެޔޮދޫ ސްކޫލް ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ.

އެ ދެސެޓު ކެޔޮދޫ ސްކޫލުން ގެންދިޔައީ 25-12 އަދި 25-14 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކެޔޮދޫ ސްކޫލްގެ އައިމިނަތު ރައިޝާ އިބްރާހީމެވެ.

އަންހެން ޑްރީމް ޓީމުގައި ހިމެނެނީ ރައިޝާގެ އިތުރުން ކެޔޮދޫ ސްކޫލްގެ ނަހުވާ ނޫހު މުހައްމަދު، އާމިނަތު ރައިހާނަތު ފާއިޒު، މަރިޔަމް ނަޖުވާ ނިޒާރުގެ އިތުރުން މ. އަތޮޅު މަދަރުސާގެ ފާތިމަތު އިބާ ތާހިރު، ފާތިމަތު އީމާ އަދި ސީއެޗްއެސްއީގެ މަނާލް އިސްމާއިލް ރަޝީދެވެ.

19 އަހަރުން ދަށުގެ އަންހެން މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކެޔޮދޫ ސްކޫލްގެ ކޯޗު އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

ފިރިހެން ބައިގެ ތަށި ސީއެޗްއެސްއީ އިންވެސް ހޯދީ ފައިނަލުގައި މ. އަތޮޅު މަދަރުސާ ބަލިކޮށްގެންނެވެ. ސީއެޗްއެސީ އިން ފައިނަލް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 22-25 އިން ކާމިޔާބުކުރީ މ. މުލީގެ މ. އަތޮޅު މަދަރުސާ އިންނެވެ. ޖެހިގެން އައި ދެ ސެޓު 25-19 އަދި 25-21 އިން ސީއެޗްއެސްއީން ހޯދި ނަމަވެސް މ. އަތޮޅު މަދަރުސާ އިން އިތުރު ހިތްވަރެއްލައި 23-25 އިން ހަތަރު ވަނަ ސެޓު ހޯދިއެވެ. މެޗުގެ ނަތީޖާ ކަނޑައެޅުމަށް ކުޅުނު ސެޓު ސީއެޗްއެސްއީން ގެންދިޔައީ 15-10 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީއެޗްއެސްއީގެ އަހުމަދު ނާވީ އާދަމެވެ. ޑްރީމް ޓީމްގައި ހިމެނެނީ ނާވީގެ އިތުރުން، ސީއެޗްއެސްއީގެ މުހައްމަދު ސައިފް އަހުމަދު، އަހުމަދު އައިހަމް އާމިރު، ސުވާލިހު އާދަމް، މުހައްމަދު ފާއިޝް ފަހީމްގެ އިތުރުން މ. އަތޮޅު މަދަރުސާގެ އަހުމަދު އިމްތިޔާޒު އަފީފް އަދި މުހައްމަދު އިހުސާން އަހުމަދެވެ.

ފިރިހެން ބައިގެ އެންމެ މޮޅު ކޯޗަކީ ސީއެޗްއެސްއީގެ ކޯޗު ސަފްވާން އަހުމަދު އެވެ.

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އދ. ކުނބުރުދޫ ސްކޫލުން ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާއިންނެވެ. 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފ. އަތޮޅު މަދަރުސާ އިން ދިފާއުކުރި އިރު، އެންމެ ކާމިޔާބު އެއް ސްކޫލަކީ ފ. އަތޮޅު މަދަރުސާއެވެ.