ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑުން ވެލެންސިއާ ބަލިކޮށްފިއެވެ.

ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން 5-1 އިން ވެލެންސިއާ ބަލިކޮށް ދެވަނައިގައި ހަމަޖެހިލި އިރު، އެއްވަނައިގައި އޮތް ޖިރޯނާއާ ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މިހާތަނަށް 13 މެޗު ރެއާލްއާއި ޖިރޯނާއިންވެސް ކުޅެފައިވާ އިރު، ޖިރޯނާ އެއްވަނައިގައި އޮތީ 34 ޕޮއިންޓާއެކުގައެވެ. ރެއާލް ދެވަނައިގައި އޮތީ 32 ޕޮއިންޓާއެކުގައެވެ.

ލީގު ތާވަލުގެ ތިންވަނައިގައި ބާސެލޯނާ އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޑެނީ ކަވަހާލްއެވެ. އެ ގޯލާއެކު ރަނގަޅަށް ކުޅެމުންދިޔަ ރެއާލްއިން ހާފު ނިންމާލީ އިތުރު ގޯލަކާއެކުގައެވެ. އެ ގޯލު ޖެހީ ވިނީޝިއަސް ޖޫނިއާއެވެ. ރޮޑްރީގޯގެ ހުރަހަކުން ވިނީޝިއަސް އެ ގޯލު ޖެހި އިރު، ދެވަނަ ހާފު ފެށިގެން ކޯނަރަކުން ވިނީޝިއަސް ދެވަނަ ގޯލެއް ޖަހައި ރެއާލްގެ ލީޑު އިތުރަށް ފުޅާކުރިއެވެ.

ދެވަނަ ހާފުގައިވެސް ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ ރެއާލްއިން އިތުރު ދެ ގޯލެއް މެޗުގައި ޖެހި އިރު، އެ ދެ ގޯލުވެސް ޖެހީ ރޮޑްރީގޯއެވެ.

ރޭގެ މެޗުގައި ރެއާލްއިން ކުޅުނީ އެޓީމުގެ އެންމެ ފޯމުގައި ހުރި ތަރި، ޖޫޑް ބެލިންހަމް ނުލައެވެ. ބެލިންހަމް ސްކޮޑުގައި ނެތީ މިދިޔަ ހަފުތާ އޭނާގެ ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.