ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، ބެލޮންޑިއޯ ހޯދި ލިއޮނަލް މެސީ އޭނާގެ ކާމިޔާބީ މިހާރުގެ ކްލަބު އިންޓަ މިއާމީއާއެކު ފާހަގަކޮށްފިއެވެ.
އުމުރުން 36 އަހަރުގެ އާޖެންޓީނާ ކެޕްޓަން މެސީ އޭނާގެ ރެކޯޑު އަށްވަނަ ބެލޮންޑިއޯ ހޯދީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ޕެރިހުގައި އޮތް ހާއްސަ އިވެންޓްގައެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ ބެލޮންޑިއޯ ހޯދީ ގަދަ ތިނެއްގައި ފްރާންސްގެ ކިލިއަން އެމްބާޕޭ އާއި މެންޗެސްޓާ ސިޓީގެ ހާލަންޑާ ވާދަކޮށެވެ.
މެސީ، މިދިޔަ ޖުލައި މަހު ޕީއެސްޖީ ދޫކޮށް އެމެރިކާ ލީގުގެ މިއާމީ ގުޅިފައިވާ އިރު، އޭނާ ވަނީ މިހާތަނަށް އެމެރިކާގެ ލީގު ކަޕް އެ ކްލަބާއެކު ކާމިޔާބު ކޮށްފައެވެ. އިންޓަ މިއާމީގެ ސްޕޯޓަރުންނަށް ބެލޮންޑިއޯ ދައްކާލައި މެސީ ބުނީ އެ ކްލަބާއެކު އިތުރު ކާމިޔާބީތައް ހޯދަން މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ޝައްކެއް ނެތް ކަމަށެވެ.
"އަހަރެމެން ކުރަން އޮތް ކަމަކީ އިތުރު ކާމިޔާބީތައް މި ކްލަބާއެކު ހޯދުން. އެކަން ކުރެވޭނެ. މިހާރުވެސް ތި ދެމުންގެންދާ ލޯބި އަހަންނަށް ދީ. އަހަންނަށް އެއްވެސް ޝައްކެއް ނެތް މި ކްލަބާއެކު ސަޕޯޓަރުން އުފާވާނެ އެތައް ކާމިޔާބެއް އަހަންނަށް ހޯދޭނެ،" މެސީގެ ބެލޮންޑިއޯ ފާހަގަކުރަން އިންޓަ މިއާމީން ބޭއްވި ނޮޗެ ޑިއޯ އޮވެންޓްގައި މެސީ ބުންޏެވެ.
މެސީ ބުނީ މަދު ދުވަސްކޮޅެއް އިންޓަ މިއާމީގައި ހޭދަކުރެވުނު ނަމަވެސް މިހާރު އިހުސާސް ކުރެވެނީ ގިނަ ދުވަސްތަކެއްގައި ކްލަބުގައި ހޭދަކުރެވުނު ކަމުގެ އިހުސާސް ކަމަށެވެ. މެސީ އިތުރަށް ބުނީ މިއާމީގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި މުޅި ސިޓީން އޭނާއަށް ކުރެވެނީ އަމިއްލަ ސިޓީއެއްގެ އިހުސާސް ކަމަށެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ