އޮލިމްޕިކް ލިޔޯން ޓީމު ދަތުރުކުރި ބަހަށް ހަމަލާ ދީގެން ފަސްކުރި މެޗު އަލުން ސަޕޯޓަރުންނާއެކު ކުޅެން ރާވާފައިވާތީ ލިޔޯންއިން ކަންބޮޑުވެއްޖެއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ފްރާންސް ލީގުގައި ލިޔޯން އާއި މާސޭ ކުޅެން އޮތް މެޗަށް ދަތުރު ކުރި ލިޔޯންގެ ބަހަށް މާސޭ ސަޕޯޓަރުން ވަނީ ހަމަލާ ދީފައެވެ. މާސޭގެ ދަނޑަށް ލިޔޯންގެ ޓީމު ބަސް ވަންނަނިކޮށް، އެ ސަރަހައްދަށް އެއްވެ ތިބި ބަޔަކު ވަނީ ލިޔޯންގެ ބަހަށް ގާ އުކަން ފަށައިފައެވެ. އެ ހަމަލާގައި ލިޔޯންގެ ކޯޗު އިޓަލީގެ ގްރޮސޯގެ ބޯ ފަޅައިގެން ގޮސް، އޭނާ އަށް ވަނީ ފަރުވާ ދޭން ޖެހިފައެވެ.

އެ މެޗު ފަސްކޮށް، ޑިސެންބަރު ހަވަނަ ދުވަހު އަލުން ކުޅެން ފްރާންސް ލީގުން ނިންމާފައިވާ އިރު، މާސޭ ދަނޑުގައި އަލުން މެޗު ކުޅެން ލިޔޯންއިން ބޭނުމެއް ނުވެއެވެ.

ލިޔޯންގެ ޑިރެކްޓާ އޮފް ފުޓުބޯޅަ ވިންސެންޓް ޕޮންސޮޓް ބުނީ މެޗު އަލުން ކުޅެން ބޭނުންވަނީ ނިއުޓްރަލް ދަނޑެއްގައި ކަމަށާއި ރިސްކް ނަގައިގެން ކުޅުންތެރިން ނުރައްކަލުގެ ތެރެއަށް ވައްޓާލަން ބޭނުންނުވާ ކަމަށެވެ.

"ބިރުން، ޖެހިލުންވެފައި ތިބެ ފުޓުބޯޅަ ކުޅޭކަށް ބޭނުމެއް ނޫން. އަހަރެމެން ކުޅުންތެރިންގެ ރައްކާތެރި ކަމަށް ކުރަމުންދާ މަސައްކަތް ހުއްޓައެއްވެސް ނުލާނަން. އަހަރެމެން ބޭނުމެއް ނޫން މާސޭ ދަނޑަށް ހޯމް ސަޕޯޓަރުން ވައްދައިގެން މެޗު ކުޅޭކަށް،" ޕޮންސޮޓް ބުންޏެވެ.

ލިޔޯން ބަހަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.