ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ނެތަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް އިއްޔެ ކުރި ހުކުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހުކުމަކީ ގާނޫނުއަސާސީގެ ސިޔާދަތު އަދި ގާނޫނީ ވެރިކަން ނަގަހައްޓައި ދިން ހުކުމެއް ކަމަށެވެ. އަދި އެ ހުކުމާ ގުޅިގެން އެމްޑީޕީން ވަނީ ޕާޓީގެ އިސް ލީޑާރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ޕާޓީގެ މެމްބަރުންނަށް މަރުހަބާ ދަންނަވައިފައެވެ.

"އަދި މިއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް އެ ޕާޓީން ހުށަހަޅާފައިވާ ގާރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި، މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި މި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް" އެމްޑީޕީން ބުންޏެވެ.

ސުޕްރީމް ކޯޓުން އިއްޔެކުރި ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށް، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ރައީސްކަމުގެ ކަމާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންގޮސްފައި ނުވަނީ ގާނޫނުއަސާސީގެ 82 ވަނަ މާދާގެ (ށ)އާ ހިލާފަށް ކަމަށެވެ.

އަދި އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރިވާ ހާލަތުގައި، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުންގެ ގޮތުގައި، ކަނޑައަޅާފައިވާ މެންބަރުންގެ ތެެރެއިން މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ތަރުތީބުން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި އެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ހުކުމުގައިވެއެވެ.