އުމުރުން 28 އަހަރުގެ އޯޓިސް ހާނަށް ޕާކިސްތާނަށް ކުޅެވޭނެ ކަމަށް ފީފާއިން އަންގައިފިއެވެ.
އިނގިރޭސި ތިންވަނަ ޑިވިޝަނުގެ ގްރިމްސްބީއަށް ކުޅެމުންދާ އޯޓިސް، މީގެ ކުރިން އެކުވެރިކަމުގެ މެޗުތަކުގެ އިތުރުން އިންޑިއާގެ ބެންގަލޫރުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައިވެސް ޕާކިސްތާނަށް ކުޅެފައިވާ އިރު، އޭނާއަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ނުކުޅެވޭނެ ކަމަށް އެންގީ ކާފަގެ އުފަން ގައުމާ މެދު ސުވާލުތަކެއް އުފެދުމުންނެވެ.
އެންމެފަހުން ޕާކިސްތާނުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕާކިސްތާނުން ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު ދެ ލެގުގައި އޯޓިސްއަށް ކުޅެވިފައެއް ނުވެއެވެ. މިދިޔަ މަހު ކުޅުނު އެ ކޮލިފިކޭޝަން ޓައި ޕާކިސްތާނުން ކާމިޔާބުކޮށް، ގްރޫޕް ސްޓޭޖުގައި ކުޅުމުގެ ފުރުސަތު ހޯދާފައިވާ އިރު، އޯޓިސްއަށް ނުކުޅެވޭނެކަން އެނގުނީ ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގެ ދެ ގަޑިއިރެއްހާއިރު ކުރިންނެވެ.
އޯޓިސް ހާނަކީ އިނގިރޭސި އެންމެ ވަރުގަދަ އެއް ކްލަބު މެންޗެސްޓާ ޔުނައިޓެޑްގެ އެކަޑެމީގައިވެސް 10 އަހަރު ހޭދަކޮށްފައިވާ ކުޅުންތެރިއެކެވެ. އެއީ 2002 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށެވެ. އޭނާ އިނގިރޭސި ފުޓުބޯޅައިގައި ފުރަތަމަ މެޗެއް ކުޅެފައިވަނީ 2014 ވަނަ އަހަރު ޝެފީލްޑް ޔުނައިޓެޑްގެ ޖާޒީގައެވެ. އޭގެ ފަހުން މިހާރު ކުޅެމުންދާ ތިންވަނަ ޑިވިޝަނުގެ ގްރިމްބީ ޓައުނަށް ބަދަލުވީ 2021 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ.
އޯޓިސް ހާން ގްރިމްބީއަށް ބަދަލުވީ އޭގެ ކުރިން ހަތް މަސް ދުވަހު ލޭޓޮން އޮރިއެންޓަށް ކުޅުމަށްފަހުއެވެ. އެ ކްލަބުގައި އޯޓިސް ވަނީ ތިންވަނަ ޑިވިޝަނުގެ 20 މެޗެއްގައި ކުޅެފައެވެ.