އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށް، އަންނަ އާދީއްތަ ދުވަހު މިސްރުގެ ވެރިރަށް ގާހިރާގައި ހާއްސަ ސަމިޓެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ސަމިޓުގައި މައިގަނޑު މެދުވެރިންގެ ގޮތުގައި ބައިވެރިވާނީ ޕާކިސްތާނާއި ސައުދީ އަރަބިއްޔާ އަދި ތުރުކީއެވެ. ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ހަތަރު ގައުމުގެ ހާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ސަރަހައްދީ ކުރިއެރުންތަކާ މެދު މަޝްވަރާކުރުމާއި، ސުލްހައާއި ސަލާމަތާއި ހަމަޖެހުމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމެވެ. މީގެ ކުރިން މި ހަތަރު ގައުމުގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހު ތުރުކީގެ އަންޓާލިއާގައި ބޭއްވި ޑިޕްލޮމެޓިކް ފޯރަމެއްގެ ހަވާސާގައެވެ.

މިސްރުގެ ހާރިޖީ ވުޒާރާއިން ރޭ ބުނިގޮތުގައި، މި ބައްދަލުވުމަށްފަހު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާނެއެވެ. އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިސްރުގައި މި ސަމިޓު ބާއްވާއިރު، އެމެރިކާއާއި އީރާނާ ދެމެދު ސުވިޒަލޭންޑުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްވަރާތައް ވަނީ ފަސްކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ސޮއިކުރެއްވި ސުލްހައިގެ އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ސުވިޒަލޭންޑަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކެންސަލްކޮށްފައިވާކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ. އެ ބައްދަލުވުން ފަސްކުރީ ލުބުނާނުގައި އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު އަލުން ފެށުނު ހަމަލާބަދަލުކުރުންތަކާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސަމިޓުގެ މައިގަނޑު އަމާޒަކީ ދާދި ފަހުން އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުން ދެމެހެއްޓުމާއި، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓުމެވެ. އަދި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތައް ހަރުދަނާކުރުން ކަމަށް މިސްރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ބައްދަލުވުން ނިމިގެންދާނީ ހަތަރު ގައުމުގެ ހާރިޖީ ވަޒީރުން ގުޅިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.