ރިސޯޓް ހެދުމަށް ވ. އާރަށް ދޫކުރުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެން އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް ހައިކޯޓުގައި މިއަދު ތާވަލުކޮށްފިއެވެ.

ހައި ކޯޓުން އެ މައްސަލަ ތާވަލުކޮށްފައިވަނީ މެންދުރު 2:00 ޖަހާއިރަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވުމަށް ތާވަލުކުރީ މިދިޔަ އޮކްޓޫބަރަމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް އެ ޝަރީއަތް ވަނީ ދައުލަތުން އެދިގެން ކެންސަލްކޮށްފައެވެ.

ޔާމީންގެ މީގެ ކުރިން އަޑުއެހުމުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް، އާރަށް ކުއްޔަށް ހޯދަން އުޅުނުކަން ކުރިން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. ޔާމީން ވިދާޅުވެފައި ވަނީ ރަށްތަކާއި ފަޅުތައް ދޫކުރާއިރު، އެތަންތަން ދޫކުރަނީ އަދި އެތަންތަން ލިބެނީ ކޮން ބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޓުއަރިޒަމްގެ ބޭނުމަށް ފަޅެއް ނުވަތަ ރަށެއް ވިޔަސް ބަދަލުކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ވަދެގެން ކަމަށާއި އެ ސިޓީ ރައީސް އޮފީހަށް ވަދެފައި ނުވާ ކަމަށްވެސް ޔަމީން ވިދާޅުވެފައިވެއެވެ. އަދި ރައީސްއާ ހަމަޔަށް ގެންނަ މައްސަލަތަކަކީ އުސޫލީ ބޮޑެތި މައްސަލަތައް ކަމަށާއި އެހެން މައްސަލަތައް ފޮނުވާނީ ރައީސް އޮފީހަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނަމަވެސް މައްސަލަތަކުގެ ޖަވާބު ނުވަތަ އުސޫލު ރައީސް އޮފީހުން ފޮނުވާއިރުވެސް ލިޔާނީ އަދި ރައީސް އޮފީހުން ނުކުންނަ ކޮންމެ ސިޓީއެއްގައި ވެސް ލިޔާނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ކަަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީއަށް، އާރަށް ބަދަލުކުރުމުގެ މައްސަލަ ލިޔުނަސް އެއީ އޭގެ ޒާތުގައި ރައީސުލްޖުމްހޫރިއްޔާއަށް އެނގިގެން ހިނގާފައި އޮންނަ ކަމެއް ނޫން ކަމަށެވެ.