އޭއެފްސީ ކަޕްގެ ނަތީޖާތައް ދަށްވެގެން އިސްތިއުފާ ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު، މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.
އޭއެފްސީ ކަޕް ގްރޫޕް ޑީގައި އިއްޔެ ކުޅުނު މެޗުގައި، ގައުމީ ދަނޑުގައި އޮޑިޝާއިން މާޒިޔާ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާޒިޔާއިން ފުރަތަމަ ދެ ގޯލު ޖެހި ނަމަވެސް އޮޑިޝާއިން ވަނީ ފަހު ހާފުގައި އިތުރު ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފައެވެ. މިހާރު ގްރޫޕްގެ ނަތީޖާތައް އޮތް ގޮތުން މާޒިޔާއަށް ވަނީ ނޮކްއައުޓް ބުރުގެ ފުރުސަތު ގެއްލިފައެވެ.
"ފުރަތަމަ 45 މިނެޓް އަހަރެމެން ރަނގަޅަށް ކުޅެ، ރަނގަޅު ދެ ގޯލުވެސް ޖެހި. މެޗު އެނބުރުނީ އަނެއް 45 ވަނަ މިނެޓުގައި. ދެވަނަ ހާފުގައި ކޮޅަށް ދެ ގޯލު ވަނުމަކީ ވަރަށް ހިތްދަތިވި ކަމެއް. މިއީ އަހަރެމެންނަށް އޮތް ޗެލެންޖުތަކުގެ ނަތީޖާ. މިއީ ލީގުގެ ފެންވަރު ދަށްވުމުގެ ނަތީޖާ. އަހަރެން ކުޅުންތެރިންނަށް އެއްވެސް ބްލޭމެއް ކުރަން ބޭނުމެއް ނޫން. އިންޑިއާ ޓީމުތަކުގެ ތަފާތު ބޮޑު. އެއީ އެ ގައުމުގެ ލީގާއި ފުޓްބޯޅަ ހާލަތުގެ ތަފާތު. މިއީ ފިލާވަޅުތައް ލިބިގަންނަންޖެހޭ ކަންކަން. އެކްސްކިއުސްއެއް ނޫން. އެކަމަކު މިބުނާ ތަފާތު ފެންނާނެ،" އިއްޔެގެ މެޗަށްފަހު މިލޯ ބުންޏެވެ.
ކޯޗު މިލޯ ބުނީ މާޒިޔާއަށް ރާއްޖޭގެ ފުޓުބޯޅައިގައި އޮތް ހާލަތުންވެސް މިހާރު އޭއެފްސީ ކަޕްގައި ވާދަކުރެވޭ ކަމަށާއި އެއީ ބަދަލުކުރެވިފައިވާ ކަމެއް ކަމަށެވެ. ހާއްސަކޮށް މާޒިޔާއަކީ މިހާރު ހަމައެކަނި ކުޅެލަން އޭއެފްސީ ކަޕްގައި ކުޅޭ ޓީމަކަށް ނުވެ އޮތުން އެއީ މި ކުރިއަށްދާ މަގު ރަނގަޅުކަން ދޭހަވާ ކަމެއް ކަމަށް މިލޯ ބުންޏެވެ.
ބޮސްނިއާގެ މިލޯ އިތުރަށް ބުނީ މާޒިޔާގެ ފޯކަސް ގެއްލުނުކަން ގަބޫލުކުރާ ކަމަށާއި މެޗުން ފެނުނު ގޯސްތަކަކީ ތަމްރީނު ކުރި ނަމަވެސް ފެނިދާނެ ގޯސްތައް ކަމަށެވެ. އަދި މެޗުގެ ފޯކަސް ގެއްލުމަކީ ނިންމޭ ގޯސް ނިންމުންތަކެއްގެ ސަބަބުންވާ ކަންތައްތަކެއް ކަމަށާއި ބަލީގެ ޒިންމާ ނަގާ ކަމަށްވެސް ބުންޏެވެ.
އެންމެފަހުން އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މާޒިޔާ ބަލިވި އިރު، ރަނގަޅު ސްކޮޑަކާއެކު ނުކުމެ ނަތީޖާ ނުނެރެވުމުން އިސްތިއުފާ ދޭންޖެހޭ ކަމަށް ގަބޫލުކުރަންތޯ ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ އެގޮތަށް ގަބޫލުނުކުރާ ކަމަށެވެ.
"އިސްތިއުފާ ދޭންޖެހޭ ކަމަށް ގަބޫލެއް ނުކުރަން. އަހަރެމެންނަށްވުރެ މާބޮޑަށްވެސް ފެންވަރު ރަނގަޅު ޓީމުތަކާ މި ކުޅުނީ. އަހަރެމެންނަށްވުރެ މާބޮޑެތި ހަރަދުތައްވެސް ކުރާ ޓީމުތައް އެއީ. ތެދަށް ބުނަންޏާ އަހަރެމެންގެ ހުރިހާ ކުޅުންތެރިންނަށް ކުރާ ހަރަދު އެ މީހުން އެންމެ ކުުޅުންތެރިޔަކަށްވެސް އެބަ ކުރޭ،" މިލޯ އިއްޔެ މެޗަށްފަހު އިތުރަށް ބުންޏެވެ.
އޭއެފްސީ ކަޕްގައި މާޒިޔާއަށް ދެން އޮތީ ރަށުން ބޭރުގައި ބަޝުންދަރަ ކިންގްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު