މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް ހުޅުވާލާފައި ފުރުސަތު، މިމަހުގެ 10 ވަނަ ދުވަހަށް ހަމަވާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024، އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ތާވަލުކޮށްފައިވާ އިރު، މިފަހަރު މުބާރާތް ކުރީ އަހަރުތަކަށް ވުރެވެސް ފުރިހަމައަށް އިންތިޒާމް ކުރުމަށް މިހާރުވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވުމަށްވެސް އާންމުކޮށް ހުޅުވާލީ ކުރިން އަހަރު މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ މެނޭޖުމަންޓަށް ހާއްސަ ފުރުސަތެއް ދިނުމަށްފަހުއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބައިވެރިވުމަށް މިހާރުވެސް ގިނަ ޓީމުތަކަކުން ފުރިހަމައަށް ތައްޔާރުވަމުންދާ އިރު، އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދިން ގޮތުގައި، މުބާރާތުގައި މިހާރުވެސް ގިނަ އަދަދެއްގެ ޓީމުތަކަކުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނާ ގުޅައިގެން ފޯމް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައިވެސް ކޮންމެ ރަށަކުން ވާދަކުރާނީ އެއް ޓީމެވެ.

މީގެ ކުރިން ހަތް ފަހަރަށް ކާމިޔާބުކަމާ އެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިސް ނަގައިގެން އެ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މުބާރާތް ފޯމެޓް ކޮށްފައިވާ ގޮތުން، އަތޮޅު ބުރުތަކުން ފެށިގެން ގޮސް، ޒޯން ބުރަކާއެކު ދެން ކުޅެވޭނީ ފައިނަލް ބުރެކެވެ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ޝާމިލުވާނެހެން އެންމެ ކާމިޔާބުކަމާ އެކު މިހާތަނަށް ބާއްވަމުން އަންނަ މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މުޅި ރާއްޖޭގެ ފުޓްސަލް ޗެމްޕިއަނުން ހޮވިގެންދާ މުބާރާތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގަމުންދާ ފޯމެޓަކީ މިހާތަނަށް ރާއްޖޭގައި އަތޮޅުތަކުގެ ރަށްތައް ތަމްސީލު ކުރުމަށް ބާއްވާ މުބާރާތެއްގައި ފެނުނު އެންމެ ކާމިޔާބު ފޯމެޓެވެ. އަތޮޅު ފޯރި އާއި ރަށުގެ ފޯރި މުބާރާތުން ފުރިހަމައަށް މީގެ ކުރިންވެސް ފާހަގަވެގެން ގޮސްފައިވެއެވެ. އެ ފޯރި އިތުރަށް ގަދަކުރުމަށް މިފަހަރުގެ މުބާރާތުގައި ކަނޑައަޅާފައިވާ އުސޫލަކީ މިދިޔަ މުބާރާތުގައި ކުޅުންތެރިޔަކު ކުޅުނު ރަށަށް ކުރިއަށް އޮތް އަހަރުގެ މުބާރާތުގައި ކުޅެންވެސް މަޖުބޫރު ކަމެއް އޮތުމެވެ. އޭގެ އިތުރުން ޒޯންތަކަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް 102 ޓީމަކުން ބައިވެރިވެ ކުޅެފައިވާ އިރު، 250 އަށްވުރެ ގިނަ މެޗު ކުޅެވިގެންދިޔައެވެ. އެ ހުރިހާ މެޗެއްގެވެސް އިންތިޒާމް ފުރިހަމައަށް ގޯލްޑަން އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައިވާ އިރު، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާގެ އުންމީދަކީ މިފަހަރު މުބާރާތް އެއަށް ވުރެވެސް ފުރިހަމަ ކުރުމެވެ. މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރީ ލ. ގަމުންނެވެ. ފައިނަލުގައި ވާދަކުރީ ގދ. ވާދޫއާ ދެކޮޅަށެވެ.

ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް ގޯލްޑަން ފުޓްސަލް ޗެލެންޖްވެފައި އޮތް އިރު، އަންނަ އަހަރުގެ މުބާރާތުގެ ސްޕޮންސާޝިޕަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.