ގެދޮރުވެރިން ޕޯޓަލްއަށް އަޅުގަނޑު ޝަކުވާ ހުށަހަޅައިފީމެވެ. ދާދި ދެންމެއަކުއެވެ. އެ ޝަކުވާގައި އަޅުގަނޑު ބަޔާން ކުޅަ ފަދައިން މީޑިޔާގައި އާންމު ކުރީމެވެ! ޝަކުވާ މި ކުރީ އަޅުގަނޑުގެ ހައްގަށް ޓަކައި އެކަންޏެއް ނޫނެވެ! އަޅުގަނޑު ފަދައިން އެ ހައްގުން މަހޫރުމުކުރެއްވި އެންމެ ބޭފުޅުންގެ ހައްގުގައެވެ!

.................................

ޝަކުވާއަކީ މިއީއެވެ.

ވިދާޅުވާށެވެ. އަދުލު އިންސާފުން ކަންކުރައްވަން ލޯބިކުރައްވާށެވެ. ބާރާއި ނުފޫޒަށް ބިރު ނުގަންނާށެވެ. ސުވާލުކުރެއްވޭނެ ދުވަހު އިންސާފު ދެއްވާނީ ﷲ ތަޢާލާ ކަން ދަންނާށެވެ.

އާދޭހެވެ! ރަށުން ލިބެން ނެތް ތައުލީމަށް ޓަކައި އަޅުގަނޑު މާލެ ހިޖުރަކުރީ 1990ވަނަ އަހަރުއެވެ. މަދަރުސީ ހަޔާތް ނިންމީ 1996ގައެވެ. ދެން ވަނީ އިމިގުރޭޝަނަށެވެ. 1997ގައެވެ. ސާނަވީ ދިވެހި މުދައްރިސްކަމުގެ ކޯސް ހެދީ މުދައްރިސުންގެ ތައުލީމީ މަރުކަޒުންނެވެ. 1998ގައެވެ. ކޯސް ފުރިހަމަ ކުރުމަށް ފަހު ވަޒީފާ އަދާކުރީ މަޖީދިއްޔާ ސްކޫލުގައެވެ. ދިވެހި މުދައްރިސެއްގެ ގޮތުގައެވެ. 1999އިން 2001ވަނަ އަހަރުގެ ނިޔަލަށް މުދައްރިސްކަން ކުރަން އުޅުނީ މަޖީދިއްޔާ ސްކޫލުގައެވެ. 2002ވަނަ އަހަރު ދަރުމަވަންތަ ސްކޫލް އުފެއްދެވުމާ އެކު ދެން މަސައްކަތް ކުރަން ފެށީ އެ ސްކޫލުގައެވެ. މުދައްރިސްކަން ކުރަމުން، އެޗްއޯޑީކަން ކުރަމުން ފަހު ސުޕަވައިޒަރުކަން ވެސް ކުރީމެވެ. ދަރުމަވަންތަ ސްކޫލުން އަޅުގަނޑު ވަކިވީ 2011ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8ވަނަ ދުވަހުއެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަމުގެ މަގާމު ލިބުމާއެކުއެވެ. ބަހުގެ އެކެޑަމީގައި 10 އަހަރު މަސައްކަތް ކުރުމަށް ފަހު އަޅުގަނޑު ވަކިވީ 2021ވަނަ އަހަރުގެ އޮގަސްޓުމަހުގެ 8ވަނަ ދުވަހުއެވެ. ދެން މަސައްކަތް ކުރީ އެވިޑްކޮލެޖުގައެވެ. އެތާނގައި ބަރާބަރު އެއް އަހަރު ހޭދަކުރީމެވެ. 2022ވަނަ އަހަރުގެ ޑިސެންބަރު 12ވަނަ ދުވަހުން ފެށިގެން ވަޒީފާއަދާ ކުރަމުން މި އަންނަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައެވެ.

ޒަވާޖީ ހަޔާތް ފެށީ 1999ވަނަ އަހަރުއެވެ. ދެ ކުދިން އެބަ ތިއްބެވެ. އެއް ކުއްޖަކަށް އަދި 18 އަހަރު ނުފުރެއެވެ. މާލޭގައި ދިރިއުޅުމަކީ މިއީ ކަމުގައި ނުވަންޏާ ދެން ދިއުޅުމަކީ ކޮބައިކަން އަޅުގަނޑަށް ނިކަން ސާފުކޮށްދެއްވާށެވެ! މަންމަގައެއް، ބައްޕަގެއެއް، އަންހެނުންގެއެއް ގެޔެއް ގޯއްޗެއް މާލެއަކު ނެތެވެ. އުޅެމުން މި ދަނީ ކުއްޔަށެވެ. ދެ ޖިންސުގެ ދެ ދަރިން މިއަދު އެވަނީ ބޮޑުވެފައެވެ. އެއް ކޮޓަރޮގަނޑެއްގައި ނުހަނު ދައްޗާއި ތުރާލުގައެވެ. އަޅުގަނޑު ހިތުން މިފަދަ ހާލަތު މެދުވެރިވެފައިވާ އަޅުގަނޑު ފަދަ އެތައް ރައްޔިތެއް މި މާލޭގައި އެބަ ދިރިއުޅުމުގައި ގަނަ އެބަ ތެޅެއެވެ. ޝަކުވާއަކީ، އިއްޔެ ހެނދުނު މާލެއައި މީހުންނަށާއި ބޭސްފަރުވާއަކަށް މެނުވީ މާލެ ނުވެސް ދެކޭ، ރަށްރަށުގައި ވަޒަންވެރިވެގެން އުޅޭ މީހުންނަށާއި ބައެއް މެންބަރުންގެ އާއިލީ އެންމެންނަށާއި ބައެއް ސްޓޭޓް މިނިސްޓަރުންނަށާއި އެ މީހުންގެ ރަށުވަޒަންވެރި އާއިލީ މީސްމީހުންނަށް 80އިން މަތިން ޕޮއިންޓު ލިބުނު އިރު ނިކަމެތި އަޅުގަނޑަށް 66 ޕޮއިންޓު ލިބުން އެވީ ކިހިނެއް ކަން އަޅުގަނޑަށް ވިސްނަން ނޭނގެތީއެވެ. މާލެ އަދު މި ދެކޭ ތަރަައްގީ ހިނިތުންވުމުގައި އަޅުގަނޑު ފަދަ އެތައް "ރަށްފުށު، ރާއްޖެތެރޭ" މީހެއްގެ ހިއްސާއާއި ޚިދުމަތް ޝާމިލްވެއެވެ. ވީމާ، ހަގީގަތާ އެއް ގޮތަށް ކަންކަން ކުރައްވާށެވެ. އަދުލުވެރި ކަމާއި އިންސާފުގެ މަގުން ނިންމާށެވެ. ފްލެޓަކީ އެކިއެކި ދާއިރާތަކުގެ މެންބަރުންގެ މައިންބަފައިންގެ ތަރިކައެއް ނޫންކަން ހަނދާންކޮށްދެމެވެ. އަދި އެއީ ބައެއް ވަޒީރުންނާއި ސްޓޭޓް މިނސިްޓަރުންނާއި އެ މީސްމީހުންގެ އާއިލީ މެންބަރުންގެ ހައްގެއްވެސް ނޫނެވެ. އަމުދުން އެއީ މަޖިލިސް މެންބަރުންނާއި ނުފޫޒުގަދަ ވަރުހުރި މުއްސަނދި ސިޔާސީ މީހުން ނާޖާއިޒު މަންފާ ހޯދައި ރިޝްވަތުގެ މަގަށް ކަންކުރަން ހުރި އެބައިމީހުންގެ ތަރިކައެއް ވެސް ނޫނެވެ.

އަޅުގަނޑުގެ ޝަކުވާއަކީ މިއީއެވެ. މި ޝަކުވާ އަޑު އައްސަވާށެވެ. އަމަލީ ފިޔަވަޅެއް އަޅުއްވާށެވެ. ހަގީގީ ހައްގުވެރިންނަށް އެ ބައި މީހުންގެ ހައްގު ދެއްވާށެވެ. ނުހައްގުން ދެއްވިފައިވާ މީހުންގެ އަތުން އެ ތަންތަން އަތުލައްވާށެވެ.

ވަރަށް ސާފުކޮށް ދަންނަވަމެވެ. މި ޝަކުވާ އަޅުގަނޑު މީޑިޔާގައި ވެސް ހިއްސާ ކުރާނަމެވެ. އަޑު އުފުލައި ޝަކުވާ މިކުރަނީ މުޅި ދިވެހި އުންމަތުގެ ހައްގުގައެވެ.

އަޝްރަފް ޢަލީ.