އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ދަނޑުގައި ޗެލްސީން 4-1 އިން މޮޅުވެއްޖެއެވެ.

ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ޗެލްސީން ރޭ ޓޮޓެންހަމް ބަލިކުރުމާއެކު، އެ ބައްޔަކީ މި ސީޒަނުގެ ލީގުގައި ޓޮޓެންހަމްއަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. ވީއޭއާރްގެ ޑްރާމާވެސް ގިނައިން ފެނިގެން ދިޔަ މެޗުގައި ޓޮޓެންހަމްގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.

މިދިޔަ ހަފުތާގައި ލީގުގެ އެއްވަނަައިގައި އޮތް ޓޮޓެންހަމް، ރޭގެ މެޗުން ބަލިވުމާއެކު މިހާރު ވަނީ ދެވަނައަށް ވެއްޓިފައެވެ. 11 މެޗުން 26 ޕޮއިންޓާއެކު އެޓީމު ދެވަނައިގައި އޮތް އިރު، އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 11 މެޗުން 27 ޕޮއިންޓާއެކުގައެވެ. ޗެލްސީ މިވަގުތު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އެއީ 11 މެޗުން 15 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗު ފެށިގެން ހަވަނަ މިނެޓުގައި ޑެޖާން ކްލުސެވްސްކީ ޖެހި ބޯޅަ، ޗެލްސީގެ ލެވި ކޮލްވިލް ގައިގައި ޖެހިފައި ގޯލަށް ވަނުމާއެކު ޓޮޓެންހަމްއަށް ލީޑު ލިބުނެވެ. އޭގެ ފަހުން ސޮން ހިއުން-މިން ކުރިއަށް ދެމިގަނެ ޖެހި ބޯޅަ ގޯލަށް ވަންނަމަވެސް، ވީއޭއާރް ބަލައި ނިންމީ އޮފްސައިޑް ކަމަށެވެ.

އޭގެ ފަހުން ޗެލްސީން ދެފަހަރަކު ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ރަހީމް ސްޓާލިންނާއި މޮއިސަސް ކައިސޯޑޯއަށްވެސް ހުރަސް އެޅީ ވީއޭއާރެވެ.

ޗެލްސީން ފުރަތަމަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަކުރީ ވީއޭއާރްގެ އެހީގައި ދިން ޕެނަލްޓީއަކުންނެވެ. ޕެނަލްޓީއަކީ ކްރިސްޓިން ރޮމޭރޯ، ޗެލްސީގެ އެންޒޯ ފެނާންޑޭޒްއަށް އޭރިއާ ތެރެއިން ކުރި ނުރައްކާތެރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެފައުލަށް ރޮމޭރޯއަށް ރަތް ކާޑުވެސް ދެއްކިއެވެ. ޗެލްސީއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ.

ޓޮޓެންހަމްއަށް އިތުރު އުނދަގޫތަކެއް މެޗުގައި ދިމާވީ ޑިފެންޑަރު ޑެސްޓިނީ އުޑޯގީ، ސްޓާލިން ފަޔަށް ކުރި ޓެކުލަކަށްވެސް ރަތް ކާޑު ދެއްކުމުންނެވެ. އެ ރަތްކާޑާއެކު ޗެލްސީން މެޗުގެ ކޮންޓްރޯލް ނަގައި، ފަހުވަގުތު ގޯލުތައް ޖެހިއެވެ. ޗެލްސީން ފަހުން ޖެހި ތިން ގޯލުވެސް ޖެހީ އަލަށް މި ސީޒަނަށް ގެންދިޔަ ފޯވަޑް ނިކޮލަސް ޖެކްސަންއެވެ.