މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒު ގައިގާ ޖެހުނު ސައިކަލް ދުއްވަން އިން މީހާ ދެ އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ އެކްސިޑެންޓާ ގުޅިގެން ދައުވާ ކޮށްފައިވަނީ ރ. އިނގުރައިދޫ/ ލެގޫން ވިއު، ޝަމްއާން އަބްދުއްޝުކުރޫގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ ހުށަހަޅަމުން ދައުލަތުން ބުނީ ޝަމްއާން، މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ފަތިހު 5:00 ޖެހި އެހާކަންހާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، މަޖިދީމަގު ސުލްތާމް އާދިލް މިސްކިތް ކުރިމަތިން ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ހާފިޒުގެ ގައިގައި ސައިކަލުން ޖެހުމުގެ ސަބަބުން، ހާފިޒަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ހާޒިފު ގައިގާ ސައިކަލުން ޖެހުނީ މަގު ހުރަސްކުރި ވަގުތުގައި ކަމަށް ދައުލަތުން ބުންޏެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ޝަމްއާން ބުނީ، ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާ ކަމަށާއި ދައުލަތުން ކުރާ ދައުވާއަށް އިއުތިރާފުވާ ކަމަށެވެ. ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާނެ ކަމަށާއި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އަންނާނެ ޖަލު އަދަބު އެނގޭ ކަމަށް ޝަމްއާން ބުންޏެވެ.
އަދަބާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ދައުލަތުން ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް އަދަބު ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގަށް ޝަމްއާން 29 ދުވަހާއި ހަތަރު ގަޑިއިރާއި ތިން މިނެޓް ހުރި ކަމަށާއި އެއީ 30 ދުވަސް ކަމަށް ބަލައި، 30 ދުވަސް ޖަލު އަދަބުން އުނިކޮށް ދިނުމަށްވެސް އެދުނެވެ.
މައްސަލަ ބައްލާވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތަކަކީ ކުށް މާނަކޮށްފައިވާ މާއްދާގައި ކުށް ފުރިހަމަވުމަށް ބޭނުންވާ ގެއްލުމުގެ މިންވަރަށްވުރެ، އެކަށީގެންވާ ބޮޑު ގެއްލުންތަކެއްކަމަށްވާތީ، ޝަމްއާން ކުރާ ދައުވާގެ އަދަބު ތިން ދަރަޖަ މަތިވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންކަމުން އެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށް ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދަބަށް ލުއިދިނުމަށްޓަކައި، އަދަބުގެ މިންގަނޑު ދެ ދަރަޖަ ދަށްކުރެވޭނެ ކަމަށާއި އެގޮތަށް ދެ ދަރަޖަ ދަށްކުރުމުން އަންނާނެ އަދަބަކީ ދެ އަހަރަށް ޖަލަށްލުން ކަމަށެވެ.
އެހެންވެ ގާޒީ ހުކުމްކުރެއްވީ ޝަމްއާން ދެ އަހަރަށް ޖަލަށް ލުމަށެވެ. ނަމަވެސް ޝަމްއާން މައްސަލައިގެ ތަހުގީގަށް ބަންދުގައި ހުރި ދުވަސްތަށް އުނިކުރުމަށްފަހު ތަންފީޒުކުރަން ޖެހޭނެ ޖަލު އަދަބަކީ އެއް އަހަރާއި 10 މަހާއި 29 ދުވަސް ކަމަށް ގާޒީ ހުކުމްކުރެއްވިއެވެ.
ޚަބަރު
ޚަބަރު