ރާއްޖޭގެ ލީގު ފުޓުބޯޅަ މިވަގުތު ހުއްޓިފައި އޮތުމުން އެކަމުގެ އަސަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އޭއެފްސީ ކަޕް މެޗުތަކަށް ކުރާ ކަމަށް ކޯޗު މިލޮމީރް ސެސްލިޖީ (މިލޯ) ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް މާޒިޔާއިން ރަނގަޅަށް ފަށައި، ބަޝުންދަރާ ބަލިކޮށް މޯހަން ބަގާން ކައިރިން ޕޮއިންޓެއް ހޯދި ނަމަވެސް، އެންމެފަހުން ކުޅުނު މެޗުގައި އޮޑިޝާ އެފްސީ އަތުން އިންޑިއާގައި ވަނީ ބޮޑުކޮށް ބަލިވެފައެވެ. ބުބަނޭޝްވަރުގައި ކުޅުނު މެޗުގައި އޮޑިޝާއިން މާޒިޔާ ބަލިކުރީ 6-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ ނަތީޖާއާ އެކު މާޒިޔާއަށް ވަނީ ދެވަނަ ބުރުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ.
މާޒިޔާ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި މިވަގުތު މޯހަން ބަގާން އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު ބަޝުންދަރާ ކިންގްސް އޮތް އިރު، ތިންވަނައިގައި އޮޑިޝާ އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކުގައެވެ. ފައިދާ ގޯލުގެ ތަފާތުން ހަތަރު ވަނައިގައި މާޒިޔާ އޮތީވެސް ތިން މެޗުން ތިން ޕޮއިންޓާ އެކުގައެވެ.
"ރަނގަޅު ނަތީޖާއެއް ނެރެން ޖެހޭ. ރަނގަޅު ނަތީޖާއެއް ނެރެވެން އޮންނާނީ ވަރުގަދަ، ޑިސިޕްލިން ކުޅުމެއް ކުޅެގެން. އަހަރެމެން ދަނޑުމަތީގައި ރަނގަޅު ނިންމުންތަކެއް ނިންމަން ޖެހޭ. އޮޑިޝާ އޮތީ ރަނގަޅު ފޯމެއްގައި. އޮޑިޝާ އޮތީ ރަނގަޅު މޮމެންޓަމްއެއްގައި. މާޒިޔާއަށް މެޗުން މޮޅުވަން ގިނަ ކަންކަމަށް ވިސްނަން ޖެހޭ،" އޮޑިޝާއާ ދެކޮޅަށް ރާއްޖޭގައި ކުޅެން ޖެހޭ މެޗާ ގުޅޭގޮތުން މިލޯ ބުންޏެވެ.
މިލޯ ބުނީ އެންމެފަހު މެޗާއެކު މާޔޫސްވި ކަމަށާއި އެކަން ގަބޫލުކުރަން ކަމަށެވެ. އަދި މާޒިޔާއަކީ ގައުމީ ޓީމު ކަހަލަ ޓީމެއް ކަމަށާއި ގައުމީ ޓީމުގެ މެޗެއް ކުޅުމާއެކު، އެކަމުގެ އަސަރުތައް ޓީމަށް ކުރި ކަމަށެވެ. އަދި ބުނީ ބަންގްލަދޭޝް މެޗުގައިވެސް ރާއްޖޭގެ ޓީމުން މޮޅެއް ކުޅުނުކަން ގަބޫލުކުރާ ކަމަށާއި އެކަމަކު ރާއްޖެއަށް މޮޅުވާން ފުރުސަތުތައް ގެއްލުނީ ކަމަށެވެ.
ބޮސްނިއާގެ ކޯޗު މިލޯ އިތުރަށް ބުނީ ގައުމީ ޓީމުގެ ސަބަބުން މާޒިޔާ ބަލިވިއެކޭ ސީދާ ނުބުނާނެ ކަމަށާއި "އެކަމަކު އެކަމުގެ އަސަރު" މާޒިޔާގެ ނަތީޖާއަށް ކުރި ކަމަށެވެ. މާޒިޔާގެ ކޯޗު އިތުރަށް ބުނީ ގައުމީ ޓީމުގެ އެ ނަތީޖާގެ އަސަރު ޓީމުގެ ކުޅުންތެރިންގެ ވިސްނުމަށްވެސް ކުރި ކަމަށާއި މެންޓަލީ ރިކަވާ ވާންވެސް ވަގުތު ނުލިބުނު ކަމަށެވެ.
މިލޯ ފާހަގަކުރީ މާޒިޔާއަށް މެޗުތައް މަދުވުމަކީވެސް އުނދަގޫތަކެއް ދިމާވާ ކަމެއް ކަމަށާއި އިންޑިއާގެ އޮޑިޝާ އާއި މާޒިޔާގެ ތަފާތަކީވެސް އެއީ ކަމަށެވެ. ހާއްސަކޮށް ލީގު ހުއްޓުމަކީ މާޔޫސް ކަމެއް ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގެ ލީގު މިވަގުތު އެފްއޭއެމްއިން ހުއްޓާލާފައި އޮތީ، އެއިދާރާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލައިގައި ފުލުހުން އިދާރާއަށް ވަދެ، ބައެއް ސާމާނު ގެންގޮސްފައިވާތީ ކަމަށް ބުނެއެވެ.
"ތިކުރީ ރަނގަޅު ސުވާލެއް. ތި ސުވާލާއެކު ޖަވާބުވެސް ދީފި،" އޮޑިޝާއިން ލީގާއި ކަޕް މެޗުތައް ކުޅެމުން އޭއެފްސީ ކަޕް މެޗު ކުޅުމާއި މާޒިޔާއިން ލީގު ނުކުޅެ މެޗުތައް ކުޅުމުގެ ތަފާތަކީ ކޮބައިތޯ އެހުމުން މިލޯ ނޫސްވެރިޔާ ގާތުގައި ބުންޏެވެ. މިލޯ ބުނީ މާޒިޔާއަށް އޮތް ޗެލެންޖަކީ ލީގުވެސް މެދުކަނޑާލާފައި އޮތުން ކަމަށާއި ފަރިތަކުރުންތަކުގައި މެޗު ކުޅެން ޖެހެނީ 23 އަހަރުން ދަށުގެ ނޫނީ އެހެން އުމުރުފުރާއެއްގެ ވެސް ގައުމީ ޓީމަކާ ދެކޮޅަށް ކަމަށެވެ.
"އޮޑިޝާގެ ސްކޮޑުގެ ގިނަ ކުޅުންތެރިންތަކަކީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް. އަހަންނަށް ފެނޭ އެޓީމުން ކުޅުންތެރިން ރަނގަޅަށް ރޮޓޭޓްކޮށްގެން ލީގާއި ކަޕް މެޗުތަކުގައި ކުޅުވާތަން. އެކަމަކު އެ ފުރުސަތު މާޒިޔާއަކަށް ނެތް. މާޒިޔާއަށް އެ ފުރުސަތު ނެތުމަކީ ޝަކުވާކޮށް، އެކްސްކިއުޒަކަށް ދައްކަން ޖެހޭ ކަމެއް ނޫން. ލީގު ނެތުމަކީ ގައުމީ ޓީމަށްވެސް، މާޒިޔާއަށްވެސް އޭގެން އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމެއް،" މިލޯ ބުންޏެވެ.
މާޒިޔާގެ ކޯޗު ބުނީ ބިރުނުގަނެ، ރަނގަޅު ޑިސިޕްލިންއަކާ އެކު ކުޅެން ޖެހޭ ކަމަށާއި އެންމެ މުހިއްމު ކަމަކީ "ރިކެޓް" ކުރާ ގޮތް ކަމަށެވެ.
މާޒިޔާ އާއި އޮޑިޝާ މާލޭގައި ކުޅޭ މެޗު އޮންނާނީ މާދަމާ މެންދުރު ފަހު 3:00 ގައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު