އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ފަހުވަގުތު ލުޓޮންއާ އެއްވަރު ކޮށްފިއެވެ.

ލުޓޮން ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، މެޗުގައި ލިވަޕޫލުން ޖެހި ގޯލު ފެނިގެން ދިޔައީ ފަހު ވަގުތުގައެވެ. މެޗުގައި ލިވަޕޫލްގެ ގޯލު ކާމިޔާބުކުރީ މިދިޔަ ހަފުތާ ބޮޑެތި ތަކުލީފުތަކެއްގައި ހޭދަކުރި ކޮލަމްބިއާގެ ފޯވަޑް ލުއިސް ޑިއާޒެވެ.

މިދިޔަ ހަފުތާގައި ޑިއާޒްގެ މަންމަ އާއި ބައްޕަ، ކޮލަމްބިއާ ޖަމާއަތަކުން ކިޑްނެޕްކޮށްގެން ބަންދުކޮށްފައިވާ އިރު، އަދި ފެނިފައި ވަނީ މަންމައެވެ. ކިޑްނެޕްކުރި ފަރާތުން ޑިއާޒްގެ މަންމަ ދޫކޮށްލި ނަމަވެސް، ބައްޕަ މިނިވަން ކުރަން ވަނީ އިންކާރު ކޮށްފައެވެ. ޑިއާޒްގެ ބައްޕައާ ބެހޭ މައުލޫމާތު ފޯރުކޮށްދީގެން ފައިސާގެ އިނާމެއް ހޯދުމަށްވެސް އެގައުމުގެ ސަރުކާރުން ވަނީ ހުޅުވާލައިފައެވެ.

ރޭގެ މެޗުގައި ލުޓޮންއިން ފުރަތަމަ ލީޑު ނެގީވެސް މެޗު ނިމެން ދަނިކޮށެވެ. 80 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ތަހިތު ޗޮންގެވެ. ކައުންޓާ އެޓޭކްގައި ޖެހި އެ ގޯލާއެކު ލުޓޮންއިން 1991 ވަނަ އަހަރަށްފަހު ލިވަޕޫލް ކައިރިން މޮޅުވާން ދިޔަ ނަމަވެސް، ލިވަޕޫލުން 95 ވަނަ މިނެޓުގައި ގޯލު ޖެހިއެވެ.

އެ ގޯލު ޖަހައި ޑިއާޒް އުފާފާޅުކުރީ ޖާޒީގެ އެތެރެއިން ލާފައިހުރި ޓީޝާޓުން ދިން ހާއްސަ މެސެޖެއްގައެވެ. އެ ޖާޒީގައި ބުނެފައި ވަނީ "ބައްޕައަށް މިނިވަންކަން،" ދިނުމަށެވެ.