ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަހުމަދު ޝަކީލު ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރައްވަން ޖޭއެސްސީން ނިންމީ ހިތުގެ ބައްޔަކާ ގުޅިގެން ރިޓަޔާވާން އެދި ހުށަހެޅުމުންނެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރު ކަމަށް އެދި ހުށަހަޅަން ޖެހޭނީ މި މަހުގެ 12 ވަނަ ދުވަހުގެ 11:00ގެ ކުރިން އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އިއުލާނުގައިވާ ގޮތުން ފަނޑިޔާރު ކަމަށް އެދި ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށެވެ. ތައުލީމީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައި ހުރުމެވެ. އޭގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުންނަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.