އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތައް މެންޗެސްޓާ ސިޓީ އާއި ނިއުކާސަލްއިން ކާމިޔާބު ކޮށްފިއެވެ.

ރޭ ސިޓީން އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. އާސެނަލުން ރަށުން ބޭރުގައި ނިއުކާސަލް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެއީ މިފަހަރުގެ ލީގުގައި އާސެނަލަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. އެ ބައްޔާއެކު އާސެނަލް ވަނީ ތާވަލުގެ ތިންވަނައަށް ސޮއްސާލައިފައެވެ.

ސިޓީން މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ 11 މެޗު 27 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ތާވަލުގެ ދެވަނައިގައި ޓޮޓެންހަމް އޮތް އިރު، އެޓީމަށް 10 މެޗުން ލިބިފައި ވަނީ 26 ޕޮއިންޓެވެ. އާސެނަލް މިވަގުތު ތިންޗަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާއެކުގައެވެ. ލިވަޕޫލުން 10 މެޗުން 23 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް އިރު، މިރޭގެ މެޗުން މޮޅުވެ، ތިންވަނައަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.

ސިޓީން ރޭ ކުޅުނު މެޗުގައި ވިދާލީ އެޓީމުގެ ބެލްޖިއަމް ވިންގް، ޖެރެމީ ޑޮކޫއެވެ. 21 އަހަރުގެ ޑޮކޫ ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހުމުގެ އިތުރުން ހަތަރު އެސިސްޓް ފުރިހަމަ ކުރިއެވެ. ޑޮކޫގެ އިތުރުން ގޯލުތައް ޖެހީ ބަނާޑޯ ސިލްވާއާއި މެނުއަލް އަކާންޖީ، ފިލް ފޮޑެންގެ އިތުރުން ނަތަން އަކޭއެވެ. ބަނާޑޯ ސިލްވާ ވަނީ ސިޓީއަށް ދެ ގޯލު ރޭގެ މެޗުގައި ޖަހައިދީފައެވެ.

މެޗުގައި ބޯންމައުތުގެ ހަމައެކަނި ގޯލު ޖެހީ ލުއިސް ސިނިސްޓޭރާއެވެ.

އާސެނަލުން ނިއުކާސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުވެސް ފެނުނީ ފޯރިގަދަކޮށެވެ. ހާއްސަކޮށް ގިނަ ޓެކުލްތަކެއް ފުރަތަމަ ހާފުގައި ފެނިގެންދިޔަ އިރު، ކާޑުތައްވެސް ފެނުނީ ގިނަކޮށެވެ.

ފުރަތަމަ ކޮޅުގައި ކައި ހަވާޓްސް ކުރި ނުރައްކާތެރި ޓެކުލަކާއެކު ނިއުކާސަލް ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން އުޅެފައިވާ އިރު، އެ ޗެލެންޖަށް ރެފްރީ ހަވާޓްސްއަށް ދެއްކީ ރީނދޫ ކާޑެކެވެ. އަދި އެކަމުގެ ޝަކުވާގެ ސަބަބުން ނިއުކާސަލްގެ ތިން ކުޅުންތެރިޔަކަށް ވަނީ ރީނދޫ ކާޑު ދައްކައިފައެވެ.

ދެވަނަ ހާފުވެސް ފެނުނީ ވީއޭއާރް ޑްރާމާ ބޮޑު، ފޯރިގަދަ ހާފެއްގެ ގޮތުގައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެންތޮނީ ގޯޑޮން ނިއުކާސަލްއަށް ލީޑު ނަގައިދިން އިރު، އޭނާ ގޯލު ޖެހީ އަރިމަތިން ޖަކޮބް މާފީ ރޮނގުމަތިން ކަހަލަ ގޮތަކަށް ބޯޅަ ނަގައިގެން ތަނަވަސްކުރި ފުރުސަތެއްގައެވެ.

އޭރިއާ ތެރެއިން އާސެނަލްގެ ޑިފެންޑަރުންނާއި ނިއުކާސަލްގެ ފޯވަޑް ލައިންގެ ފަރާތުންވެސް ފިޒިކަލް ކުޅުމެއް ގޯލުގައި ފެނިގެން ގޮސްފައިވާ އިރު، މާފީ އަރިމަތިން ބޯޅަ ނެގިއިރު އޮތީ ބޭރުވެފައި ކަމަށް ބުނެ އާސެނަލުން ވަނީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައެވެ.

"އަހަރެމެން މެޗުން ބަލިވާކަށް ނުޖެހޭ. މެޗުން ބަލިވީ ބަލިކޮށްލީމަ. މިއީ ވެގެންވާނެ ކަންކަމެއް ނޫން ދުނިޔޭގެ އެންމެ ބޮޑު ލީގޭ ބުނާ ލީގުގައި. އަހަރެން މިގައުމުގައި ދިރިއުޅެމުންދާތާ 20 އަހަރު. އަހަރެން ލަދުގަނޭ މިކަހަލަ ކަންކަމާ. ބައިވަރު ކަންކަމަށް ބަލާއިރުވެސް އެއީ ގޯލެއް ނޫން،" އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ރޭގެ މެޗަށްފަހު ބުންޏެވެ.

އާސެނަލްގެ ކޯޗު އާޓެޓާ އޭގެ އިތުރަށްވެސް ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އިރު، އޭނާ ބުނީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ލީގުގައި ރޭ ނިއުކާސަލްއިން ޖެހީ ގޯލެއް ނޫން ކަމަށެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި އެޓީމުން ވަނީ ފަހުވަގުތު ގޯލު ޖަހައި ފުލަމް ބަލިކޮށްފައެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ބްރޫނޯ ފެނާންޑޭޒްއެވެ.