ރާއްޖޭގެ ކަނޑުތަކަށް ކުނި އަޅާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައިފިއެވެ.

އެ އެސޯސިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިވަގުތު ހުލުމާލެ ގޮނޑުދޮށަށް ލައްގަމުންދާ ގަނޑުވެ ގުޅައަށް ހުރި ތަކެއްޗަކީ އަޑީތެޔޮ ނުވަތަ ކޮންމެވެސް ބާވަތެއްގެ އުޅަނދަކުން ބޭރުވެފައި ނުވަތަ އުކާލާފައިވާ އެއްޗެހި ކަމެވެ. އެހެންކަމުން އެކަންކަން ކުރާ ފަރާތްތައް ދެނެގަނެ، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.

އެފަދަ ތަކެތި ކަނޑަށް އެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި މި އަމަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ގޮނޑުދޮށްތަކަށް އިންތިހާއަށް ގެންލުން ލިބެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ރީތިކަމަށް މިކަމުން ހުރަސްއެޅޭ ކަމަށްވެސް ބޯޓިން އެސޯސިއޭޝަނުން ބުންޏެވެ.

ރާއްޖެއަކީ ދުނިޔޭގައިވެސް ކަނޑުއަޑީގެ މުއްސަނދިކަން ބަލަން އަންނަ ޓޫރިސްޓުން ގިނަ ގައުމަކަށްވުމުން، ރާއްޖޭގެ ގުދުރަތީ ރީތިކަން ދުނިޔެއަށް އިޝްތިހާރު ކުރާ އެއް ވަސީލަތަކަށް ރާއްޖޭގެ ކަނޑުގެ އަޑީގެ ދިރުންތައް ވުމުން އެކަން އެގޮތުގައި ދެމި އޮންނާނީ އެންމެންވެސް އެކަން ކަމަށް ޒިންމާވެގެން ކަމަށް ވެސް ބޯޓިން އެސޯސިއޭޝަނުން ބުންޏެވެ.