އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބަންދަށް ދިން ލުއިތައް އުވާލަން ޖެހިދާނެ ކަމަށް ކަރެކްޝަނުން ދިން އިންޒާރާ ގުޅިގެން އެ ދެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާހަކަ ދައްކާފައި ނުވަނީ، އެއީ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގެ ދަށުން ދީފައިވާ އިންޒާރަކަށް ވުމުން ކަމަށް އެ ކޯލިޝަން ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި ޕީއެންސީގެ ކުރީގެ ރައީސް އަދި މިހާރު އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު އެ މަނިކުފާނުގެ އެދިލެއްވުމަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރައީސް ޔާމީން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ. އޭގެ މަހެއްހާ ދުވަސް ފަހުން ކަރެކްޝަންސްއިން ވަނީ ޔާމީނަށް ސިއްހީ ކަންކަމަށް ބޭރަށް ނުކުމެ އުޅުމަށް ހުއްދަ ދީފައެވެ.
ކަރެކްޝަންސް އިން ޔާމީނަށް ދިން ލުއިތަކާއެކު، ޕީޕީއެމް ޖަލްސާތަކާއި ސިޔާސީ ކަންކަމުގައި ޔާމީން ބައިވެރިވެވަޑައިގަންނަވަމުންދާތީ، އެ ލުއިތައް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު އިއްޔެ ކަރެކްޝަނުން ވަނީ ދީފައެވެ. އެގޮތުން ކަރެކްޝަންސް އިން ބުނެފައިވާ ގޮތުގައި އެ ލުއިތަކަކީ ޔާމީންއާ އެކު ވެފައިވާ އިގުރާރެއްގެ ދަށުން ހަމައެކަނި މެޑިކަލް ކަންކަމުގައި ބޭރަށް ނުކުމެ އުޅުމަށް ދީފައިވާ ލުއިތަކެއް ކަމަށެވެ.
ޔާމީން ވަނީ، ލުއިތައް ދެއްވި ފަހުން ޕާޓީގެ މެންބަރުންނާއެކުގައި ތިން ޖަލްސާއެއް ބާއްވައިފައެވެ. އޭގެ ތެރެއިން އެއް ޖަލްސާއަކީ ސިއްރު ޖަލްސާއެވެ. އަނެއް ދެ ޖަލްސާ ދުރަށް ދެއްކި އިރު، އެ ދެ ޖަލްސާގައިވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެކަމާ ގުޅިގެން ފާޑުކިޔުންތައްވެސް އަަމާޒުވެފައިވެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕުން މިއަދު އައްޑޫ ސިޓީއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިޔުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ޖަލްސާތަކަށް ލީޑަޝިޕްގެ ބޭފުޅުންނަށް ވަޑައިނުގަނެވުނީ ދުރާލާ ތާވަލުކުރެވިފައިވާ ދެ ހަރަކާތެއް އޮތުމުން ކަމަށެވެ. އެގޮތުން ފުރަތަމަ ރޭގައި ހޮޓެލް ޖެންގައި ހަރަކާތެއް އޮތް އިރު ދެ ވަނަ ރޭގައި ވަޑައިނުގެންނެވުނީ އިންތިހާބީ ރައީސް ސިންގަޕޫރަށް ފުރާވަޑައިގަންނަވާތީ އެއާޕޯޓަށް ދާން ޖެހުމުން ކަމަށް ވިދާޅުވިއެވެ.
"އެއްގޮތަކަށްވެސް އަޅުގަނޑުމެން ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިވެންޓެއްގައި ބައިވެރިނުވުމުގެ މަގުސަދެއްގައެއް ނޫން އެކަން ކުރީއެއް. އެނގިވަޑައިގަންވާނެ އިންތިހާބު ކާމިޔާބުކުރެއްވުމަށްވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ދައްކަމުން ގެންދިޔައީ ރައީސް ޔާމީން އެންޑޯޒްކުރައްވާފައިވާ ކެންޑިޑޭޓެއް ގޮވައިގެންނޭ އަޅުގަނޑުމެން މި ދަތުރުކުރަނީ. އަދި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީއާއި އެމަނިކުފާނު ކުރިން ރާއްވަވާފައި އޮތް ތަސައްވަރުގައި ކުލަޖެއްސެވުމަށޭ ރައީސް ޔާމީންގެ ތާއީދާއެކު ޑރ. މުއިއްޒު މި ވަޑައިގަންނަވާނީ" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޔާމީނަށް ދިން ލުއިތައް އުވާލާނެކަމުގެ އިންޒާރާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެއްޗެއް ނުބުނީ އެއީ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގެ ދަށުން ކަރެކްޝަންސްއިން ނެރުނު ބަޔާނަކަށް ވުމުން ކަމަށެވެ.
"ޖަލުތަކާއި ޕެރޯލުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަޔާނެއް ނެރެފިއްޔާ އެޔަށް އަޅުގަނޑުމެން ޖަވާބެއް ދޭކަށް ނުޖެހޭނެ. އެނގިވަޑައިގަންނަވާނެ އެބޭފުޅުން އެ ނެރުއްވި ބަޔާން [ޔާމީން އަށް ދިން އިންޒާރު] ނެރުއްވާފައި އޮތީ ގާނޫނަކާ ހަވާލާދެއްވާފައި. އެހެންވީމަ އެޔަށް ޕާޓީން އެއްޗެއް ބުނުމަކީ އެހާ މުނާސަބު ކަމެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އުފައްދާފައިވާ އިންތިގާލީ ކޮމިޓީގެ ވެރިޔާގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ޔާމީނަށް ދެމުން ގެންދަނީ ގަސްތުގައި ރާވައިގެން ދެމުން ގެންދާ އަނިޔާއެއް ކަމަށާއި އެކަން ތަކުރާރުކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފާހަގަކުރަމުން އަންނަ ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ޔާމީން އަމަލުކުރެއްވީ ކަރެކްޝަނުން ދިން ލަފަޔާ އެއްގޮތަށް ކަމަށާއި ނަމަވެސް ފަހުން އިންޒާރު ދީފައިވަނީ، ޔާމީންގެ އަމަލުތައް ކަރެކްޝަންސްއަށް ހަޖަމު ނުވުމުން ކަމަށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށު މުއާމަލާތާ ގުޅިގެން، ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެގެން ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ މިދިޔަ 25 ޑިސެމްބަރުގައެވެ. އެ މައްސަަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، އެ ކޯޓުގައި ކުރިއަށްދާ މައްސަލަވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. ނަމަވެސް ފަނޑިޔާރުން ޗުއްޓީގައި އުޅުއްވާތީ އެ މައްސަލަ މިހާރު އޮތީ މަޑުޖެހިފައެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދުފުޅަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމެވެ. އެ މަނިކުފާނު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރުން ކޯޓުތަކަށް އޮތް ނުފޫޒު ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއާއެކު ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު