ހައިކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލަށް ހިތުގެ ބައްޔެއް ކަމަށްވާ "ސިކް ސައިނަސް ސިންޑްރޯމް" ޖެހިވަޑައިގެންފައިވާތީ އޭނާ ފަނޑިޔާރު ކަމުން ރިޓަޔާކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއޭސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު" އަދި "ފަނޑިޔާރުންގެ ރިޓަޔާމެންޓް ގަވާއިދު"ގެ ދަށުން، ސިއްހީ ސަބަބާހުރެ ފަނޑިޔާރުކަމުން ރިޓަޔާވުމަށް އެދި ފަނޑިޔާރު ޝަކީލް، ޑޮކްޓަރުގެ ލިޔުމާއެކު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ލިޔެކިޔުމަށް ރިއާޔަތްކޮށް ފަނޑިޔާރު ޝަކީލް ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.

"ފަނޑިޔާރު އަލްއުސްތާޒް އަހުމަދު ޝަކީލަށް ކުރިމަތިވެފައިވަނީ ހިތުގެ ބައްޔެއް ކަމުގައިވާ Sick Sinus Syndrome އެވެ. މި އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކާ ލައްވާފައިވެއެވެ. މި ބައްޔާހުރެ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު ޝަކީލަށް މިހާރު ކުރިމަތިވަމުންދާ އުނދަގޫތަކާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ރެކަމަންޑޭޝަންތަކަށް، މި ކޮމިޝަނުން ގޮތެއް ނިންމުމުގައި ބުރަވެފައިވާނެ" ޖޭއެސްސީން ބުންޏެވެ.

ފަނޑިޔާރަކު ސިއްހީ ސަބަބާހުރެ ރިޓަޔާކުރުމަކީ ގާނޫނާއި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޖޭއެސްސީން ކުރަމުންދާ ކަމެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ސިއްހީ މައްސަލަތަކާ ގުޅިގެން ހަތަރު ފަނޑިޔާރަކު ރިޓަޔާކޮށްފައިވެއެވެ.

ފަނޑިޔާރު ޝަކީލު ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ މާޗު 23، 2003 ގައެވެ. މިދިޔަ 20 އަހަރު ތެރޭގައި އޭނާ ވަނީ އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓާއި ކްރިމިނަލް ކޯޓުގައި ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ