އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ މަހު ބާއްވާނެކަން އެ ކޯލިޝަނުން އިއުލާނުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަޖިލިސް ޕްރައިމަރީ އޮންނާނީ 20 ޖެނުއަރީ 2023 ގައެވެ.

އެ ބަޔާނުގައި ބުނީ އެ ކޯލިޝަނުގެ މަޖިލިސް ޓިކެޓަށް ޝައުގުވެރިވާ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލާނެ ކަމަށެވެ.

"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ އިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެ ޕާޓީ އެކުގައި އެއް ކޯލިޝަނަކުން," އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޕީޕީއެމް/ޕީއެންސީން އެކުގައި މަޖިލިސް އިންތިހާބަށް ނުކުންނާނެކަން އިއުލާނުކޮށްފައި މިވަނީ ދެ ޕާޓީން ވަކިން އިންތިހާބަށް ނުކުންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަން ކުރައްވާ ޕީއެންސީން އަންނަނީ އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޕީޕިއެމްގެ ބައެއް މެންބަރުންވެސް އެ ޕާޓީއާ މި ފަހުން ގުޅިފައިވެއެވެ.

ނަމަވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ދާން ނުޖެހޭނެ ކަމަށާއި އެއީ އެއް ފިކުރެއްގެ ދެ ޕާޓީކަމަށް ވިދާޅުވެފައެވެ.