ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ޕީޕިއެމް/ޕީއެންސީންވެސް ވަދެއްޖެއެވެ.
ޕީޕީއެމުން މިއަދު ހަވީރު ކުރި ޓުވީޓެއްގައި ބުނީ، ނަޝީދުގެ މައްސަލައިގައި އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަށް ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުން ތަދައްހުލުވާން ނިންމާފައިވާ ކަމަށެވެ.
އެ މައްސަލައަށް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއިންވެސް ވަނީ ތަދައްހުލުވެފައެވެ.
އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، ރައީސް ނަޝީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، މަޖިލިސް ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ.
ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުވާފައިވުމުގެ ސަބަބުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ. އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޑީީޕީން ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެއްދީއެވެ.
އޭގެ ފަހުން އެ މައްސަލަ ހޯމަ ދުވަހާއި މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން ދެ ޖަލްސާވެސް ކުރިއަކަށް ނުގެންދެވުނެވެ. އަދި މާދަމާއަށް މިހާރު ވަނީ އެމްޑީޕީން އެދިގެން އެމައްސަލަ އެޖެންޑާ ކޮށްފައެވެ.
ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ބޭއްވުމަށެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ ދެ އަމުރެއް ނެރެދެއްވުމަށް އެދިފައެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ މެދު ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެނަމަ ދެން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ފަސް މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށެވެ. އެގޮތަށް މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައެވެ. އެގޮތަށް ރިޔާސަތު ބަލަހައްޓާނެ ފަސް މެމްބަރެއް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރުމަށްފަހު ހިނގާ ފުރަތަމަ ދެ ހަފުތާ ތެރޭގައި އިއުލާން ކުރަންވާނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި ރިޔާސަތު ބެލެހެއްޓީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ނަމަވެސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފަސް މެމްބަރުން އިންތިހާބުކޮށް، އެ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު