ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

އެކަން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު "ވަން" އަށް ކަށަވަރު ކޮށްދީފައިވާއިރު، މާދަމާ މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމާފައި މިވަނީ، އެމްޑީޕީން އެގޮތަށް އެދި މަޖިލިސް އިދާރާއަށް ހުށަހަޅާފައި ވަނިކޮށެެވެ.

އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، ރައީސް ނަޝީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން، މަޖިލިސް ގަވާއިދުގައި ބުނާ 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެ މައްސަލަ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ.

ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާން ފޮނުވާފައިވުމުގެ ސަބަބުން އެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ. އޭގެ ފަހުން އެ މައްސަލަ ހޯމަ ދުވަހާއި މިއަދުގެ ޖަލްސާއަށްވެސް އެޖެންޑާ ކުރި ނަމަވެސް އީވާ ސަލާމުގައި ހުންނެވުމުން ދެ ޖަލްސާވެސް ކުރިއަކަށް ނުގެންދެވުނެވެ. އެކަމާ ގުޅިގެން އެމްޑީޕީ މެންބަރުން މިއަދުގެ މަޖިލިސް ތެރޭގައި ވަނީ އިހުތިޖާޖުކޮށްފައެވެ.

އެ މެންބަރުން މިއަދު އިހުތިޖާޖު ކުރީ، 2013 ވަނަ އަހަރު އޭރުގެ މަޖިލިސް ރައީސް އަބްދުﷲ މަަސީހު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެކަމާ ގުޅޭ ގޮތުން އޭރު ނަޝީދު ކުރެއްވި ޓްވީޓެއްގައިވާ ލިޔުންކޮޅެއް ހިމެނޭ ބެނާއެއް ހިފައިގެންނެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތް މައްސަލައިގައި މިފަހަރު މަޖިލިސް ޑެޑްލޮކަކަށް ގޮސްފައި ވަނީ، އެމްޑީޕީ މެންބަރުންނާއި މަޖިލީހުގެ އަމީން އާއްމުއާ ދެމެދު މަޖިލީހުގެ ގަވާއިދު މާނަކުރުމުގައެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. އަދި ނާއިބު ރައީސް މަގާމުން ވަކި ކުރާ މައްސަަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވާގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގައި ބުނެފައިވެއެވެ.

އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުދާތީ، ނުރުހުން ފާޅުކޮށް އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރަނީ، ނައިބު ރައީސް ރިޔާސަތަށް ވަޑައިނުގެންނެވި ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެއެވެ. އެ ބޭފުޅުން އުޒުރަކަށް ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއެވެ. ނަމަވެސް އެގޮތަށް އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ވަނީ ނިންމަވައިފައެވެ.

ނަމަވެސް އަމީން އާއްމު ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވެފައިވާތީ، މަޖިލިސް ގަވައިދުގައި ބުނާގޮތުގެ މަތީން އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މިއަދާ ހަމައަށްވެސް އެޖެންޑާ ކޮށްފައިވަނީ އޭގެ ދަށުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީ މެންބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގައި އެމްޑީޕީން ދެ ކަމަކަށް އެދިފައިވެއެވެ.

އޭގެ ތެރޭގައި ހިމެނޭ އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ.

ދެވަނަ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށެވެ.

އެ މައްސަލަ އަންނަ ހޯމަދުވަހަށް ސުޕްރީމް ކޯޓުގައި ވަނީ އެޖެންޑާކޮށްފައެވެ.