ގޭ ބަންދަށް ބަދަލުކޮށް، ލުއިދިން ފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަގަހަ ޖަލްސާގައި އެ ދެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ބައިވެވެޑައިނުގަންނަވައެވެ.

މިރޭގެ ޖަލްސާގައި އެ ދެ ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ތިއްބެވީ އްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ސެނެޓަރު އަދި މާލެ ސިޓީގެ އެކްޓިން މޭޔަރު އަހުމަދު ނަރީޝް އާއި ކުރީގެ މިނިސްޓަރު މަލީހާ ޖަމާލް އާއި ޔާމީނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.

މިރޭގެ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ އެހެން މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ރޭވެސް ރައީސް ޔާމީން ވަނީ ޕީޕީއެމް މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައިވެސް ލީޑަޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިނުގަންނަވައެވެ.

މީގެ ކުރިން ޕީޕީއެމުން ބާއްވަމުން އަންނަ ޖަލްސާތަކުގައި ހާއްސަކޮށް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ލީޑަޝިޕްގެ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ބައިވެރިވެވަޑައިގަންނަވައެވެ.

އިއްޔެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި ޔާމީން ވަނީ ޕީޕީއެމްގެ މެންބަރުން، އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދި އެމަނިކުފާނު އިސްވެ އުފައްދަވާފައިވާ ޕީއެންސީއަށް ބަދަލު ވާން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޔާމީން އެހެން ވިދާޅުވެފައިވަނީ ޕީއެންސީއަށް ގިނަ އަދަދެއްގެ މީހުން ސޮއިކޮށް އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވާހަކަދެކެވޭ ދަނޑިވަޅެއްގައެވެ.