ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، އާޖެންޓީނާގެ ލިއޮނަލް މެސީ ކެރިއަރުގެ އަށްވަނަ ބެލޮންޑިއޯ ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފްރާންސްގެ ފުޓުބޯޅަ މެގަޒިންއިން ދޭ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު، ބެލޮންޑިއޯ މެސީއަށް މިރޭ ރަސްމީކޮށް ހަވާލުކޮށްފައިވާ އިރު، އެ ރަސްމިއްޔާތުގައި ފުޓުބޯޅައިގެ އެހެން ޝަރަފުވެރި އެވޯޑުތައްވެސް ދީފައިވެއެވެ. މިވަގުތު އެމެރިކާގެ އިންޓަ މިއާމީއަށް ކުޅެމުންދާ މެސީއަކީ މިހާތަނަށް ތާރީހުގައި އެންމެ ގިނައިން ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާއެވެ. އޭނާ ރެކޯޑު އަށްފަހަރު އެވޯޑު ހޯދާފައިވާ އިރު، އެންމެ ގާތުން ވާދަކުރަނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރޮނާލްޑޯ ވަނީ ފަސް ފަހަރު މިހާތަނަށް ބެލޮންޑިއޯ ކާމިޔާބު ކޮށްފައެވެ.
މީގެ ކުރިން މެސީ، ބެލޮންޑިއޯ ހާސިލުކުރީ 2009، 2010، 2011، 2012، 2015ގެ އިތުރުން 2019 އަދި 2021 ވަނަ އަހަރުއެވެ. މެސީ އަކީ ޖެހިޖެހިގެން އެވޯޑު އެންމެ ގިނައިން ހާސިލުކުރި ކުޅުންތެރިޔާވެސް މެއެވެ. މެސީ މިފަހަރުގެ ބެލޮންޑިއޯ ހޯދީ އުމުރުން 35 އަހަރުގައެވެ.
މެސީއަށް މިދިޔަ ސީޒަނަކީ ކްލަބު ފުޓުބޯޅައިގައި އެންމެ ކާމިޔާބު އަހަރެއް ނޫން ނަމަވެސް، އޭނާ ވަނީ ޕީއެސްޖީއާއެކު ލީގު ކާމިޔާބުކޮށްފައެވެ. އަދި ފްރާންސް ލީގުގެ އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔަކީވެސް އޭނާއެވެ.
މިދިޔަ އަހަރަކީ މެސީގެ ކެރިއަރުގައިވެސް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެވެ. އެއީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ވޯލްޑް ކަޕްގެ ރަން ބޯޅައާއެކު މެސީ ގަތަރު ވޯލްޑް ކަޕްގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައިވާ އިރު، އާޖެންޓީނާއަށް ނޮކްއައުޓް ހުރިހާ މެޗެއްގައިވެސް އޭނާ ގޯލު ޖަހައިދިނެވެ.
މެސީ މިދިޔަ ސީޒަނުގައި ވޯލްޑް ކަޕް އުފުލާލައި، ޖުމުލަ 28 ގޯލު ޖަހައި 23 އެސިސްޓް ފުރިހަމަ ކުރިއެވެ.
ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑެވެ. އެ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ.
ނަވާރަ ސަތޭކަ ފަންސާސް ހަވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނީ ހަމައެކަނި ނޫސްވެރިން ނަމަވެސް، 2007 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށް ބެލޮންޑިއޯއަށް ވޯޓު ދެވޭ ގޮތަށް ބަދަލުކުރިއެވެ. 2007 ވަނަ އަހަރު ކުރިން ބެލޮންޑިއޯއަކީ ހަމައެކަނި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ހޮވާ އެވޯޑެއް ނަމަވެސް އެ އަހަރަށްފަހު ދުނިޔޭގެ ހުރިހާ ކުޅުންތެރިން ވާދަކުރާ އެވޯޑަކަށް ބެލޮންޑިއޯ ބަދަލު ކުރިއެވެ.
މިރޭގެ ބެލޮންޑިއޯ ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު، ލެވް ޔެޝިން ޓްރޮފީ ހޯދީ މިދިޔަ ސީޒަނުގައި އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ހީރޯ އެމިލިއާނޯ މާޓިނޭޒެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ޖޫޑް ބެލިންހަމް ހޮވުނު އިރު، މިދިޔަ ސީޒަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދީ އާލިން ހާލަންޑެވެ.
މިރޭގެ ހަފުލާގައި ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި، ވިނީޝިއަސް ޖޫނިއާއަށް ވަނީ ސޮކަރޭޓް އެވޯޑު އަރުވައިފައެވެ. އެއީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އޭނާ ކުރި ބުރަ މަސައްކަތުގެ ސަބަބުންނެވެ.
މިއަހަރުގެ އަންހެން ބެލޮންޑިއޯ ހޯދީ ސްޕެއިނާއެކު އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރި ބާސެލޯނާގެ އައިޓާނާ ބޮންމާޓީއެވެ.
- 1- ލިއޮނަލް މެސީ
- 2- އާލިން ހާލަންޑް
- 3- ކިލިއަން އެމްބާޕޭ
- 4- ކެވިން ޑި ބްރޭނާ
- 5- ރޮޑްރީ
- 6- ވިނީޝިއަސް ޖޫނިއާ
- 7- ޖޫލިއަން އަލްވަރޭޒް
- 8- ވިކްޓަ އޮސިމެން
- 9- ބަނާޑޯ ސިލްވާ
- 10- ލޫކާ މޮޑްރިޗް
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު