ސްޕެއިނުން އަންހެން ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އުފާފާޅުކުރުމުގެ ތެރޭގައި ފޯވަޑް ޖެނީ ހާމޯސޯއަށް ބޮސްދިން މައްސަލައިގައި، އެގައުމުގެ ފެޑަރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއަލެސް ތިން އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ފީފާ އަންހެން ވޯލްޑް ކަޕް ފައިނަލަށްފަހު ތަށި ދިނުމުގެ ރަސްމިއްޔާތުގައި ޓީމުގެ ފޯވަޑް ހާމޯސޯގެ ތުންފަތަށް ބޮސްދިން މައްސަލައިގައި ސްޕެއިން އެފްއޭގެ އޭރުގެ ރައީސް ރުބެލިއަސްއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ. އެ މައްސަލައިގެ ޕްރެޝަރު ބޮޑުވެ، ރުބިއަލެސް މިދިޔަ ސެޕްޓެމްބަރު މަހު މަގާމުން އިސްތިއުފާ ދެއްވާފައިވެސް ވެއެވެ.

އެ މައްސަލައިގައި ހާމޯސޯވެސް ވަނީ އެކަމާ ގަޔާނުވާ ކަމަށް ބުނެފައެވެ. ސްޕެއިންގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒް އާއި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޔޮލާންޑާ ޑިއާޒްވެސް ވިދާޅުވެފައި ވަނީ ރުބިއަލެސް މައާފަށް އެދުމާ ހަމައިން މައްސަލަ ނިންމައި ނުލެވޭނެ ކަމަށެވެ.

ހާމޯސޯ ފަހުން ފީފާއަށް މައްސަލަ ޖައްސާފައިވާ އިރު، އެ މައްސަލައިގައި ފީފާއިން ނިންމީ ރުބިއަލެސް ތިން އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ. އުމުރުން 46 އަހަރުގެ ރުބިއަލެސް ސަސްޕެންޑް ކުރީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 13 ވަނަ މާއްދާގެ ދަށުން، ފެއާ ޕްލޭގެ އުސޫލުތަކުން ބޭރުވި ކަމަށް ބަލައިގެންނެވެ.

ރުބިއަލްސްގެ މައްސަލަ ސްޕެއިންގެ މެޑްރިޑް ކޯޓުންވެސް ބަލަމުންދާ އިރު، މައްސަލައިގައި މިހާތަނަށް ކޯޓުން ނިންމާފައި ވަނީ ރުބިއަލެސްއަށް، ހާމޯސޯއަށް 200 މީޓަރު ގާތަށް ނުދެވޭނެ ގޮތަށެވެ.