ކުންފުނީގެ ބޯޑަށް އެޖެންޑާކޮށްފައިވާ ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކަކީ އަލަށް ފަށާ ކަންކަން ނޫން ކަމަށާއި އެއީ ކުރީއްސުރެ ހުށަހެޅި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ނިމި ބޯޑުގެ ރުހުމާ ހަމައަށް މަސައްކަތް ކުރެވިފައިވާ ކަންކަން ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން އެހެން ބުނީ، ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު އިންތިގާލީ އޮފީހަށް ލިބިފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ އޮފީހުން އިއްޔެ ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންތިގާލީ ކޮމިޓީން އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކޮށް އެދުނު ހުރިހާ މައުލޫމާތެއް އެއްވެސް ހުރަހެއް ނެތި ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އިންތިގާލީ ކޮމިޓީން ބޭނުންވާ އިތުރު މައުލޫމާތެއް ހުރިނަމަ އެ މައުލޫމާތުތައްވެސް ހިއްސާކުރާނެ ކަމަށް ބުންޏެވެ.
އާބަންކޯއިން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އިންތިހާބީ ރައީސްގެ އޮފީހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޝާއިއު ކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު