އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުން ފޮރެސްޓް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލިވަޕޫލުން ޕްރިމިއާ ލީގުގެ ތާވަލުގެ ހަތަރުވަނައިގައި އޮތީ 10 މެޗުން 23 ޕޮއިންޓާއެކުގައެވެ. މިރޭ ލުޓޮން އަތުން މޮޅުވި އެސްޓޮން ވިލާ، ފަސްވަނައިގައި 10 މެޗުން 22 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ. އާސެނަލް ލީގުގެ ދެވަނައިގައި އޮތް އިރު، ޓޮޓެންހަމް މިވަގުތު އޮތީ އެއްވަނައިގައެވެ.

ލިވަޕޫލުން މިރޭގެ މެޗަށް ނުކުތީ ކޮލަމްބިއާގެ ތަރި ލުއިސް ޑިއާޒް ސްކޮޑުގައި ނުހިމަނައެވެ. އޭނާގެ މަންމަ އާއި ބައްޕަ، ރޭގެ ވަގުތެއްގައި ކޮލަމްބިއާގައި ކިޑްނެޕް ކޮށްފައިވާ އިރު، މިހާތަނަށް މިނިވަން ކުރެވިފައި ވަނީ މަންމަ އެކަންޏެވެ. މިހާތަނަށް ފުލުހުން ކުރި މަސައްކަތުގައި ޑިއާޒްގެ ބައްޕަ ފެނިފައިނުވާ އިރު، އޭނާގެ ބައްޕައާ ގުޅޭ މައުލޫމާތު ހިއްސާކޮށްދޭ ފަރާތަކަށް ހާއްސަ ފައިސާގެ އިނާމެއް ދޭންވެސް ކޮލަމްބިއާގެ ފުލުހުން ވަނީ ހުށަހަޅައިފައެވެ.

މެޗުގެ ކުރިން ޑިއާޒްގެ ހާލަތަށް ލިވަޕޫލުން ވާހަކަ ދައްކާފައިވާ އިރު، އެ ކްލަބުން ބުނީ ކުޅުންތެރިޔާއަށް ދޭން ޖެހޭ އެންމެހާ އެހީތެރިކަން އެންމެ ގާތުން ދެމުންދާ ކަމަށާއި ހާލަތު ބަލަމުންދާ ކަމަށެވެ.

މިރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުލުފުލުގައި އެޓޭކްތައް ކުރަމުން ދިޔައެވެ. ހާއްސަކޮށް ފޯވަޑް ލައިނުން މުހައްމަދު ސަލާހާއި ޑާވިން ނުނޭޒް އަދި ޑިއޭގޯ ޖޮޓާގެ ތަފާތު ފެނިގެން ގޮސްފައިވެއެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލްގެ ދެ ގޯލު ފެނިގެން ދިޔައެވެ. 31 ވަނަ މިނެޓުގައި ޖޮޓާ ލިވަޕޫލަށް ލީޑު ނަގައިދިނީ ނުނޭޒްގެ ބާރު ހަމަލާއެއް ފޮރެސްޓް ކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ރީބައުންސްގައި ޖެހި ބޯޅައިންނެވެ. އެ ގޯލަށްފަހު ޑިއާޒްގެ ޖާޒީއާއެކު ޖޮޓާ އުފާފާޅުކުރީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުވެގެންނެވެ.

އެ ގޯލަށް މާ ގިނައިރެއް ނުވެ، ޑޮމިނިކް ޒޮބޮސްލާއީ ނަގައިދިން ހުރަހަކުން ނުނޭޒް ލިވަޕޫލްގެ ދެވަނަ ގޯލު ޖަހައި އެޓީމުން ހަމަޖެހިލި އިރު، ދެވަނަ ހާފަށް ނުކުމެ، ސަލާހް ވަނީ 77 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް ޒޮބޮސްލާއީއެވެ.