އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ކުޅުނު މެޗުގައި ބްރެންޓްފޯޑު ކައިރިން ބަލިވި އިރު، އެޑީ އެންކެޓިއާގެ ހެޓްރިކާއެކު އާސެނަލުން ޝެފީލްޑް ޔުނައިޓެޑް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ޗެލްސީން މިއަދު އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު އަތުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ދެ ސީޒަނުގައިވެސް ޗެލްސީ ދަނޑުގައި ކުޅުނު ލީގު މެޗު ބްރެންޓްފޯޑުން ކާމިޔާބު ކޮށްފައިވާ އިރު، ރޭގެ ބައްޔަކީ ޗެލްސީއަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވި ބައްޔެކެވެ. ފެބްރުއަރީއަށްފަހު މިހާތަނަށް ޗެލްސީއަށް މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. އަދި މިހާތަނަށް މި ސީޒަނުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތަރު މެޗުގައި ޗެލްސީން ނިންމާލީ ގޯލެއް ނުޖެހިއެވެ.

މިއަދުގެ މެޗުގައި ޗެލްސީން 17 ޝޮޓް ހެދި އިރު، ބްރެންޓްފޯޑުން މެޗުގައި ހެދީ ޖުމުލަ ހަތް ޝޮޓެވެ. ޗެލްސީން ފުރުސަތުތައް ބޭކާރު ކޮށްލި އިރު، ބްރެންޓްފޯޑު ލީޑު ނެގީ ދެވަނަ ހާފުގައެވެ.

އެއީ ބްރައިން އެމްބުއޭމޯގެ ހުރަހަކުން އީތަން ޕިނޮކް ޖެހި ގޯލެކެވެ. މެޗުގައި ބްރެންޓްފޯޑުން ދެވަނަ ގޯލެއް ޖެހި ޗެލްސީން ކޯނަރަކަށް މުޅި ޓީމު ކުރިއަށް ޖެހުނު ވަގުތު ހެދި ކައުންޓާ އެޓޭކެއްގައެވެ. ޗެލްސީއަށް ލިބުނު ކޯނަރަކަށް ކީޕަރު ރޮބާޓް ސަންޗޭޒް ކުރިއަށްޖެހިފައިވާ އިރު، އެ ބޯޅައިގެ ކައުންޓާގައި ބްރެންޓްފޯޑުން ގޯލު ޖެހީ އެމްބުއޭމޯއެވެ.

އާސެނަލުން މިރޭ އަމިއްލަ ދަނޑުގައި 5-0 އިން ޝެފީލްޑް ބަލިކުރި އިރު، މެޗުގައި އާސެނަލްގެ އެންކެޓިއާ ވަނީ ހެޓްރިކް ހަދައިފައެވެ. މިދިޔަ ހަފުތާ ތެރޭގައި ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި އާސެނަލްގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖީސަސްއަށް އަނިޔާވުމުން އޭނާގެ ބަދަލުގައި މިރޭ އެންކެޓިއާ ކުޅެން ނުކުމެ ފުރިހަމަ ކުރީ އޭނާގެ ފުރަތަމަ ހެޓްރިކެވެ.

އެންކެޓިއާގެ އިތުރުން އާސެނަލަށް ގޯލު ޖަހައިދިނީ ފަބިއޯ ވިއެރާއާއި ޓެކެހީރޯ ޓޮމިޔަސޫއެވެ.

އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި ޓޮޓެންހަމް މިވަގުތު އޮތް އިރު، އެޓީމަށް 10 މެޗުން 26 ޕޮއިންޓް ލިބިފައެވެ. އާސެނަލަށް 10 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، މެންޗެސްޓާ ސިޓީ ތިންވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އޮތީ ނުވަ މެޗުން 20 ޕޮއިންޓާއެކު ލިވަޕޫލެވެ.

ބްރެންޓްފޯޑު އަތްދަށުވި ޗެލްސީން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު 10 މެޗުން އެޓީމަށް ލިބުނީ އެންމެ 12 ޕޮއިންޓެވެ. މިވަގުތު ޗެލްސީ އޮތީ ތާވަލުގެ 11 ވަނައިގައެވެ.