ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް އެފްއޭއެމް ހައުސް ބަލައި ފާސްކުރުމުގެ ތެރޭގައި ބައެއް ސާމާނު ފުލުހުން ގެންގޮސްފައިވާތީ، ލީގުގެ މަސައްކަތް ނުކުރެވޭތީ މިއަދު މެޗުތައް ނުފެށޭނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިދިޔަ ހަފުތާގައި އެފްއޭއެމްއަށް ވަނީ އެ އެސޯސިއޭޝަންގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ހެކި ހޯދުމަށެވެ. އެ ތަހުގީގު ހިންގަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކަމަށް ފުލުހުން ބުނެއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ މުއައްސަސާތައް ހިންގުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ ގާނޫނާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް މަގުފަހިވާ ގޮތަށް ބޭނުންކުރެވޭ ކަމުގެ ތުހުމަތެއް އޮތުމަޖީ ޕްރޮސެކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އެކަމަށް ޖަވާބުދާރީވުމަށް މިއަދު އެފްއޭއެމްއިން ބަޔާނެއް ނެރެފައިވާ އިރު، އެ ބަޔާނުގައި ބުނެފައި ވަނީ ފުލުހުން ބަލައި ފާސްކުރުމަށް ކުރި މަސައްކަތުގައި އިދާރާގެ ސާވާ ބެކަޕް، ހާޑް ޑިސްކްގެ އިތުރުން ލިޔެކިޔުންތައްވެސް ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން އިދާރާގެ ދަށުން ހިންގަމުންދާ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރޫ އަރާފައިވާ ކަމަށާއި މިހާރު އޮތް ހާލަތުން ރާއްޖޭގެ ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެހެން މުބާރާތްތައްވެސް ކުރިއަށް ގެންދިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަން އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗަށް ލީގު މެދުކަނޑާލުމަށްފަހު މިއަދު ހަވީރު ފަށާނެ ކަމަށް ފުރަތަމަ އިއުލާނުކުރީ އޮގަސްޓް 19 ވަނަ ދުވަހު ނެރުނު ޝެޑިއުލެއްގައެވެ. އެންމެ ފަހުން އޮގަސްޓް 19 ވަނަ ދުވަހު އެފްއޭއެމުން އާންމުކުރި ލީގު ޝެޑިއުލްގައި ވާގޮތުން، އިންޓަނޭޝަނަލް ބްރޭކަށް ފަހު މިއަދު ހަވީރު އަލުން ލީގު ފަށަން އޮތީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުންނެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ ކުރިން ނެރުނު ބަޔާނުގައި ފާހަގަކުރިހެން، މަސައްކަތް ހުއްޓިފައި އޮތުމުން ލީގުގެ ކުޅުން މިއަދު ނުފެށޭނެ ކަމަށެވެ. ޖަވާ، ލީގު އަލުން ފަށާނެ މުއްދަތެއް ހާމަކުރައްވާފައެއް ނުވެއެވެ.
އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައި، އެކިއެކި ޝަކުވާތައް ބޮޑުވެފައި އޮތް އިރު، ލީގުގައި ކުޅޭ ކްލަބުތަކުގެ ތަކުލީފުތައްވެސް ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުންނެވެ. ފައިސާގެ ބޮޑެތި މައްސަލަތަކެއް ކްލަބުތަކުގައިވެސް އޮތް އިރު، ފައިސާގެ ދަތިކަމާހެދި އެފްއޭއެމްގެ މުއައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް އެބައޮތެވެ. އޭގެ ސަބަބުން މުއައްޒަފުން ވަޒީފާއަށް ނުނިކުމެ، އިދާރާ ނުހިނގާތަންވެސް ދުވަސްތަކެއް ވެއްޖެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް