ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހަށް އެޖެންޑާކޮށްފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންދިއުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފް ކަމެއް ކަމަށާއި ރިޔާސީ އާ ދައުރެއްގެ ފެށުން ކައިރިވެފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ އެދުވަހުގެ ޖަލްސާ ކުރިއަށް ގޮސްފާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. ނައިބު ރައީސް ވަޑައިނުގެންފިނަމަ ދެން ކަންތައް ކުރަންޖެހޭނެ ގޮތެއް މަޖިލިސް ގަވާއިދުގައި ކަނޑައަޅައިފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހަޅައި، އެކަމާބެހޭ 14 ދުވަހުގެ ނޯޓިން މަޖިލިސް ރައީސާއި މެންބަރުންނަށް ފޮނުވައި، އެ މައްސަލަ މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރަރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް މަޖިލިސް ގަވާއިދު ބުނެއެވެ.

އެހެންކަމުން މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވައި ކުރުމުގެ ރަސްމިޔާތު، މަޖިލީހުން ކުރިއަށް ގެންދިއުމަކީ ގާނޫނާ ހިލާފް ކަމެއް ކަމަށް ވުމުން އެހުވާ ބަލައި ނުގަންނާނެ ކަމަށް އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒު ހުވައި ކުރެއްވުމަށް އެމްޑީޕީން ހުރަސް އަޅަން ނިންމާފައިވާ ކަމަށް، މަޖިލިސް ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް، ޕީއެންސީން ވަނީ ތުހުމަތު ކޮށްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މަޖިލީހުގެ ރައީސްގެ މަގާމަކީ އެ މަޖިލިސް މެންބަރުންގެ ތާއީދާއި އިތުބާރާއެކު މެނުވީ ދެމި ހުރެވޭނެ މަގާމެއް ނޫން. އަދި އެ މަގާމުގައި ހުންނަވަން ވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއް ކަމަށް މި ޕާޓީން ދެކެން. އެ މަޖިލީހުގެ މެންބަރުންގެ އިތުބާރު ނެތް ރައީސަށް އެންމެ ރިވެތި ގޮތަކީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގަތުން،"

އެމްޑީޕީން ބުނެފައި ވަނީ ރިޔާސީ އާ ދައުރެއްގެ ފެށުން ކައިރިވެފައިވާ މިފަދަ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ޕާޓީން އެދެނީ އިންތިހާބީ ރައީސާއި ނައިބް ރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ގާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށް ކަމަށާއި އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.