އެކި ކަންކަމާބެހޭގޮތުން ކޮމިޓީތަކުގެ ބައްދަލުވުން ތަކާއި، ރައްޔިތުންގެ ބައްދަލުވުންތަކުގައި ބައިވެރިވާ ރަށު ކައުންސެލަރުންނަށް ސިޓިން އެލަވަންސް ހަމަޖައްސައިދެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމިޓީން މިގޮތަށް ނިންމީ ކައުންސެލަރުންނަށް ސިޓިން އެލަވަންސެއް ހަމަޖައްސައިދިނުމާ މެދު ރ. ދުވާފަރު ކައުންސިލްގެ ފަރާތުން ކޮމިޓީއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ދުވާފަރު ކައުންސިލުން ކޮމިޓީގައި އެދިފައި ވަނީ، ކައުންސިލް ހިންގުމުގައި ފަންނީ މީހުންނާއި ރައްޔިތުންގެ މަޝްވަރާއާއި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި، އެފަދަ ދާއިރާތަކުން އުފައްދާ ލަފާދޭ ކޮމިޓީތަކާއި ގާނޫނު ލާޒިމުކޮށްގެން އުފައްދާ އެހެނިހެން ކޮމިޓީތަކުގައި ބައިވެރިވާ ކައުންސިލް މެންބަރުންނަށް ސިޓިން އެލަވަންސް ހަމަޖެއްސުމާމެދު ލަފައެއް ދިނުމަށެވެ.
އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ކައުންސެލަރުންނަށް ދޭން ޖެހޭ އެލަވަންސާއި މުސާރަ އާއި ހުރިހާ އެއްޗެއް، ކައުންސެލަރުންގެ މުސާރައިގެ އޮނިގަނޑުގެ ތެރޭން ފާހަގަވާ ކަމަށެވެ. އެހެންކަމުން އެ އޮނިގަނޑުގެ ތެރެއިން ވަކި ސިޓިން އެލަވަންސެއް ހަމަޖެއްސޭނެގޮތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ދުވާފަރު ކައުންސިލުން ހުށަހަޅާފައިވާ މައްސަލައަށް އެގޮތަށް ކޮމިޓީން ޖަވާބު ދިނުމަށްވެސް އިލިޔާސް ލަބީބު ހުށަހެޅުއްވިއެވެ.
އިލިޔާސް ލަބީބުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. އެހެންކަމުން ކައުންސިލަށް އެ ގޮތަށް ޖަވާބު ދިނުމަށް ކޮމެޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ކަނޑައަޅައި ނިންމިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު