ސަރުކާރު ކުންފުނިތަކުން ގާނޫނާހިލާފަށް ލިޔެކިޔުންތައް ނައްތާލާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީން އެހެން ބުނެފައި މިވަނީ، ފިޔުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ބައެއް ލިޔެކިޔުންތައް ތިލަފުށީގައި ނައްތާލާ މަންޒަރު ފެންނަ ވީޑިއޯ އާންމުވެފައި ވަނިކޮށެވެ. އެ ވީޑިއޯއާ ގުޅިގެން އެފްއެސްއެމުން ބުނީ، އެއީ ކުންފުންޏަށް ބޭނުންނުވާ ގިނަ ދުވެސްފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ.

ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ބައެއް ކުންފުނިތަކުންނާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ރަސްމީ ލިޔެކިޔުންތައް ނައްތާލަމުންދާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅަމުންދާ ކަމަށެވެ. ލިޔެކިޔުންތައް ނައްތާލުން ހުއްޓުވައި ދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު އޭސީސީން އެދިފައިވާއިރު، އެކަން ހުއްޓުވައި ދިނުމަށް އެދި ބައެއް އަމިއްލަ ފަރާތަކުންވެސް އެދެމުންދާ ކަމަށް ބުންޏެވެ.

"ދިވެހިރާއްޖޭގެ ގައުމީ އަރުޝީފު ގާނޫނުގެ ދަށުން ހަދާފައިވާ "ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރެކޯޑުތަކާއި މައުލޫމާތު ނައްތާލުމާބެހޭ ގޮތުން އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރު ކުންފުނިތަކުން ލިޔެކިޔުންތަށް ނައްތާލަންވާނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް އަންގާ ގޮތެއްގެ މަތިން ކަމަށެވެ.

އެހެންކަމުން ގާނޫނާ ހިލާފަށް ސަރުކާރު އެއްވެސް ކުންފުންޏަކުން ލިޔެކިޔުންތައް ނައްތާނުލުމަށާއި ނައްތާލަންޖެހޭ ލިޔެކިޔުންތައް ގަވާއިދުގެ ދަށުން ނައްތާލުމަށް ޕީސީބީން ވަނީ އެދިފައެވެ. އަދި އެއާ ހިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ އެއްވެސް އެއްޗެއް ނައްތާލާކަމުގެ މައުލޫމާތު ނުވަތަ ނައްތާލައިފިކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، އެކަން ކުރި ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.