ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ރާއްޖޭގެ ގައުމީ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށް ކުޅުންތެރިން ދަތުރުކުރުމުން، އެކަމުގެ އަސަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިންޑިއާގެ އޮޑިޝާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން ފެނުނު ކަމަށް ކޯޗު މިލޮމީރް ސެސްލިޖީ (މިލޯ) ބުނެފިއެވެ.
އޭއެފްސީ ކަޕް ގްރޫޕް ޑީގައި އިއްޔެ ބުބަނޭޝްވަރުގައި ކުޅުނު މެޗުގައި އޮޑިޝާއިން މާޒިޔާ ބަލިކުރީ 6-1ގެ ނަތީޖާ އަކުންނެވެ. އިއްޔެގެ މެޗު ތަކާއެކު އެއްވަނައިގައި މޯހަން ބަގާން އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު ބަޝުންދަރާ ކިންގްސް އޮތް އިރު، ތިންވަނައިގައި އޮޑިޝާ އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކުގައެވެ. ފައިދާ ގޯލުގެ ތަފާތުން ހަތަރު ވަނައިގައި މާޒިޔާ އޮތީވެސް ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ.
އިއްޔެގެ މެޗުން ބަލިވުމާއެކު އިންޑިއާގައި ހުރެ ވާހަކަދައްކަމުން މިލޯ ބުނީ ރާއްޖެއިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ކޮލިފިކޭޝަން އަވޭ ލެގުގެ އަސަރު މާޒިޔާއަށް ކުރި ކަމަށެވެ.
"މިއީ އުނދަގޫ ނަތީޖާއެއް. ކުޅުންތެރިން ގައުމީ ޓީމަށް ދާން ޖެހުމުން އެކަން ޓީމުން ފެނިގެން ދިޔައީ. އަހަރެމެންނަށް އެންމެ ޕްރެކްޓިސްއެއް މި މެޗަށް ހާއްސަކޮށް ކުރެވުނީވެސް. އެކަމަކު އެއީ އެއްވެސް ހާލަތެއްގައި އެކްސްކިއުސްއެއް ނޫން،" މިލޯ ބުންޏެވެ.
އިއްޔެ މެޗުގައި އޮޑިޝާއިން މާޒިޔާ ކޮޅަށް ފަސޭހަކޮށް ގޯލުތައް ޖަހާފައިވާ އިރު، މިލޯ ބުނީ އެއީ ގަބޫލުކުރެވޭނެ ހާލަތްތަކެއް ނޫން ކަމަށެވެ.
"އަހަރެމެން ކޮޅަށް ވަނީ ފަސޭހަ ގޯލުތަކެއް. ހަތަރު ސެޓް ޕީސްއަކުން ހަތަރު ގޯލު ވަން. އަދި މެޗުގައި އަހަރެމެން ކޮޅަށް އަމާޒުވި ހަ ޝޮޓުން، ކޮޅަށް ހަ ގޯލުވަން. އަހަރެމެން ޓީމުން މިއަށްވުރެ ރަނގަޅު ކުރަންޖެހޭ. އަހަރެމެން ރާއްޖޭގައި މި ޓީމާ ދެކޮޅަށް ކުޅޭއިރު، އެ ޓީމަށް އުނދަގޫވާނެ. ރާއްޖެއަށް ދިއުމުން ބަލިކުރެވޭނެ ފުރުސަތު އޮންނާނެ،" މިލޯ އިތުރަށް ބުންޏެވެ.
މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެން މާޒިޔާއަށް އޮންނާނީ މާލޭގައި އޮޑިޝާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު