އަންނަ 2024 ވަނަ އަހަރަށް އޮޑިޓް އޮފީހަށް 112 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ބޭނުންވެގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށައެޅީ 123.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރުމަށް ބަޖެޓުގައި ހިމަނާފައިވާ 10.4 މިލިއަން ރުފިޔާ އުނިކުރިއެވެ. ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ބަޖެޓުގައި ހިމަނާފައި އޮތް، 82 މިލިޔަން ރުފިޔާ ވެސް ކޮމިޓީން 74.14 މިލިއަން ރުފިޔާއަށް ކުޑަކުރިއެވެ.

އޮޑިޓް އޮފީހުގެ ބަޖެޓް މާލިއްޔަތު ކޮމިޓީން ދިރާސާ ކުރިގޮތުގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން، އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމައު ނާޝިޒު ވިދާޅުވީ، އަންނަ އަހަރަށް ބޭނުންވެގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ބަޖެޓަކީ މި ހިނގާ 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށްވުރެ 23 މިލިޔަން ރުފިޔާ އިތުރު ބަޖެޓެއް ކަމަށެވެ. މި އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފާސްކޮށްފައި ވަނީ 100.7 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ނާޝިޒު ވިދާޅުވީ، ބަޖެޓްގައިވާގޮތުން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ބޮޑު ކުރި އެއް ސަބަބަކީ އިތުރު ހަތް މުވައްޒަފުން ނެގުމުގެ އިތުރުން، މުވައްޒަފުންނަށް ޑިޕެންޑެންޓް އެލަވަންސް ދިނުމަށް ހިމަނާފައިވުމެވެ. އެކަަމަށްޓަކައި 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓަށް އިތުރުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޝިޒު ވިދާޅުވީ އެކަންކަމާބެހޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ދެކޭގޮތެއް ބަލާފައިވާ ކަމަށެވެ.

އެ ފަރާތަކުގެ ލަފައާއެކު ކޮމިޓީން ބަޖެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މުވައްޒިފުންގެ އެލަވަންސަށް ބަޖެޓްގައި ހިމަނާފައިވާ ބައި، އަންނަ 2024 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ހާއްސަ ބަޖެޓްގެ ތެރޭގައި ހިމަނައިގެން ހަމަޖައްސާނެ ކަމަށް އެ ފަރާތުން ބުނެފައިވާ އެ ބަދަލު ކޮމިޓީން ގެނަސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އޮޑިޓާ ޖެނެރަލް އޮފީހުން ހުށަހެޅި 123 މިލިޔަން ރުފިޔާގެ ބަޖެޓުން 10.4 މިލިއަން އުނިކުރުމަށްފަހު ކޮމިޓީން ހުށަހެޅި ގޮތަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑީޓާ ޖެނެރަލް އޮފީހަށް ދޭން މަޖިލީހުން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ.