އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޖެހި ގޯލާއެކު ގަލަޓަސަރާއީ ބަލިކޮށް، ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ފޯމު ދެމެހެއްޓި އިރު، ޖޫޑް ބެލިންހަމްގެ ގޯލާއެކު ރެއާލް މެޑްރިޑުން ބްރާގާ ބަލިކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ބަޔާނުން ރޭ ރަށުން ބޭރުގައި ގަލަޓަސަރާއީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ގަލަޓަސަރާއީ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗު ކާމިޔާބު ކޮށްފައިވާ އިރު، އެޓީމު މިހާރު ތިންވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ.

ބަޔާނުން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު 16 މެޗުންވެސް މޮޅުވެފައިވާ އިރު، މިހާރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބަލިނުވެ 37 މެޗު ހަމަކޮށްފައިވެއެވެ. އަދި އެޓީމަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް، ގްރޫޕް ސްޓޭޖުގައި ކުޅުނު އަވޭ އަށް މެޗެއް، ޖެހިޖެހިގެން ކާމިޔާބުކުރި ހަމައެކަނި ޓީމެވެ.

ރޭގެ މެޗުގައި ބަޔާންގެ ކިންގްސްލީ ކޯމަން އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، ހާފު ނިމުމުގެ ކުރިން މައުރޯ އިކާޑީ ވަނީ ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޭގެ ފަހުން ގަލަޓަސަރާއީން ބޮޑަށް ނުރައްކާކުރި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ހެރީ ކޭން ވަނީ ލީޑު ނަގައިދީފައެވެ. އަދި ތިންވަނަ ގޯލަކަށް ޖަމާލް މުސިއާލާއަށް ފުރުސަތު ތަނަވަސްކޮށްދިނީވެސް ކޭންއެވެ.

ރެއާލްއިން ގްރޫޕް ސީގައި ރޭ ރަށުން ބޭރުގައި ބްރާގާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ރޮޑްރީގޯ މެޗުގެ ލީޑު ނެގި އިރު، ދެވަނަ ހާފަށް ނުކުމެ ޖޫޑް ބެލިންހަމް ވަނީ ނަތީޖާ އިތުރަށް ފުޅާކޮށްފައެވެ. މި ސީޒަނުގެ މިހާތަނަށް ރެއާލްއަށް އެންމެ ފޯމު ރަނގަޅުކޮށް ކުޅެމުންދާ ބެލިންހަމްގެ ގޯލާއެކު ރެއާލްއިން ހަމަޖެހިލި އިރު، ބްރާގާގެ ހަމައެކަނި ގޯލު ޖެހީ އަލްވާރޯ ޖާލޯއެވެ.

ރެއާލް މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކު އެ ގްރޫޕްގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި ނަޕޯލީ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ބްރާގާ ތިންވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ. ޕޮއިންޓެއް ނުލިބި އޮތީ ޔޫނިއަން ބާލިންއެވެ.