ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ގުޅުން ހުރި 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ނާޖާއިޒު ފައިދާ ހޯދައިދިނުމާ ގުޅޭ މައްސަލަތައް އަދި އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކުގެ އިތުރުން ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތައް އަދި ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
"މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގުކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 ރުފިޔާ އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން ވަނީ އަންގާފައި،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، އެ މައްސަލަތަކުގެ ތެރެއިން 92 ކަމެއް އިސްލާހު ކުރުމަށްވެސް ފެނަކައަށް އަންގާފައިވާނެ ކަމަށެވެ.
އެއީ ފެނަކައިގެ ސިޔާސަތާ ގުޅޭ 24 ކަމަކާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމެއްގެ އިތުރުން ކުންފުނިން ބަލައި ތަހުގީގު ކުރުމަށް ހަ ކަމެކެވެ. އަދި ކުންފުނި ހިންގުމާ ގުޅޭ 48 ކަމެއް އިސްލާހު ކުރަންވެސް އަންގާފައިވާ ކަމަށް ބުންޏެވެ.
އޭސީސީން ބުނީ، ފެނަކައިގެ ތެރޭގައި ކޮރަޕްޝަން ހިންގުމުގެ ފުރުސަތު އޮތް މިންވަރާއި އެ ފުރުސަތުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަދި ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގަށް ދިމާވާ ގޮންޖެހުންތައް ބަޔާންކޮށް ރިޕޯޓެއް ތައްޔާރުކޮށް ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު