މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި 40،500 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީންގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، މާލެ ސަރަހައްދުން ގޯތި ދޫކުރަން ހިންގާ 'ބިންވެރިޔާ' ސްކީމާއި ފްލެޓު ދޭން ހިންގާ 'ގެދޮރުވެރިޔާ' ސްކީމުގެ ދެ ވަނަ ބުރުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު 3:00 އަށް ހަމަވި އިރު، ޖުމުލަ 40،594 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ގޯއްޗަށް އެދި 19،347 ފޯމު ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 21،247 ފޯމު ހުށަހަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރުގެ ދަށުން 4000 އަށްވުރެ ގިނަ ގޯތި ދޫކުރަން ހަމަޖެހިފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން 8،000 ފްލެޓް ދޭން ވަނީ ނިންމައިފައެވެ.

މި ފިޔަވަހީގެ ދަށުން ގޯތި ދުކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅު ނުވަތަ އުތުރު ތިލަފަޅުންނެވެ. އެ ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5،525،000 އަކަފޫޓެވެ.