އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިއަދުގެ މެޗަށް ނުކުންނަ އިރު، މުބާރާތުގައި އޮޑިޝާ އެފްސީ އިން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮތް ކަމަށް ވިޔަސް، އެޓީމަކީ ބަލި ޓީމެއްގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނުބަލާނެ ކަމަށް ބޮސްނިއާގެ ކޯޗު މިލޮމީރް ސެސްލިޖީ (މިލޯ) ބުނެފިއެވެ.
އޭއެފްސީ ކަޕް ގްރޫޕް ޑީގެ މިވަގުތުގެ ކޮންމެ ޓީމެއް ދެމެޗު ކުޅުނު އިރު، މޯހަން ބަގާން އެއް ވަނައިގައި އޮތީ ހަޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާޒިޔާ އާއި ތިންވަނައިގައި އޮތް ބަޝުންދަރާ ކިންގްސްއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، އޮޑިޝާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މާޒިޔާއިން އޭއެފްސީ ކަޕްގައި މިފަހަރު ކުޅުނު ފުރަތަމަ މެޗުން މާލޭގައި ބަޝުންދަރާ އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗުން ކަލްކަތާގައި މޯހަން ބަގާންއިން ވަނީ ފަހު ވަގުތު ގޯލު ޖަހައި، 2-1 އިން މާޒިޔާ ބަލިކޮށްފައެވެ.
މިއަދު މާޒިޔާއިން އޮޑިޝާއާ ދެކޮޅަށް ނުކުންނަ އިރު، މިލޯ ބުނީ މާޒިޔާއިން އޮޑިޝާ "އަންޑައެސްޓިމޭޓް" ނުކުރާނެ ކަމަށެވެ.
"އޮޑީޝާއަކީ އިންޑިއާގެ އެންމެ މޮޅު އެއް ޓީމު. އެޓީމުން އެންމެފަހުން ކުޅުނު ދެމެޗުގައި ބަލިވީ ބަދުނަސީބުކަމުން. އެކަމަކު، ފުޓްބޯޅައިގައި ކޮންމެ ގޮތެއް ވެސް ވެދާނެ. އަހަރެމެން ރަނގަޅު މެޗެއް ކުޅެންޖެހޭނެ، ފަސޭހައެއް ނުވާނެ. މޯހަން ބަގާންއަށްވުރެ ބައެއް ކަންކަން ރަނގަޅުވެސް ރަނގަޅު އޮޑިޝާގެ. ތަފާތު ސިސްޓަމެއްގެ ޓީމެއް އޮޑިޝާއަކީ،" މިލޯ ބުންޏެވެ.
މިލޯ ބުނީ އޮޑިޝާ އާއި މޯހަން ބަގާން ވަރަށް ބޮޑަށް ތަފާތު ކަމަށާއި ގްރޫޕްގެ ވަރުގަދަކަމުން އެއްވެސް މެޗެއް ފަސޭހަ ކުރެވެން ނެތް ކަމަށެވެ. މިލޯ އިތުރަށް ބުނީ މި ސަރަހައްދުގެ ގްރޫޕުން އެންމެ ޓީމެއް އަނެއް ބުރަށް ދާ ގޮތަށް އޮތުމަކީ "ހަގީގަތުގައި ބޭއިންސާފެއް" ކަމަށާއި ފެންވަރުގެ ގޮތުން ދެޓީމަށް އަނެއް ބުރުގައި ކުޅެވޭނެ ކަމަށެވެ.
"ދެން މީގެ ދެރަ ކަމަކީ އެއް ޓީމަށް އަނެއް ބުރަށް މި ދެވެނީ. މި ގްރޫޕު މި އޮތީ ވަރަށް ވަރުގަދަކޮށް. ހައްގުގެ ވާހަކަ ދައްކަންޏާ ދެޓީމަށްވެސް ރަނގަޅު އަނެއް ބުރުން ފުރުސަތު ލިބެން،" މިލޯ އިތުރަށް ބުންޏެވެ.
މިލޯ ބުނީ މާޒިޔާއަށް ކޮންމެވެސް ވަރަކަށް އަނިޔާގެ މައްސަލަ ހުރި ނަމަވެސް، އެކަމަށް އެއްވެސް ޝަކުވާއެއް ކުރެވެން ނެތް ކަމަށެވެ. ސަބަބަކީ ޓީމުގެ 20 ކުޅުންތެރިންނަކީވެސް އެއް ފެންވަރެއްގެ ކުޅުންތެރިންނަށްވެފައި، ގައުމީ ޓީމުގެ 15 ކުޅުންތެރިންނާއެކު ބިދޭސީ ވަރުގަދަ ކުޅުންތެރިންތަކެއް ތިބުމުން، އަނިޔާގެ މައްސަލައަކީ ހަގީގަތުގައި މައްސަލައެއް ނޫން ކަމަށް މިލޯ ބުންޏެވެ.
ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދު ހަވީރު މާޒިޔާ އާއި އޮޑިޝާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:00 ގައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު