އަންނަ 2024 ވަނަ އަހަރަށް އޮޑިޓް އޮފީހަށް 112 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި ވަނީ 123.7 މިލިޔަން ރުފިޔާގެ ބެޖެޓެއް ހޯދުމަށެވެ.
އެ ބަޖެޓުން ބައެއް ބައިތައް ކޮމިޓީން އުނި ކުރީ، ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން މަޝްވަރާ ދީގެންނެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓާ ބެހޭގޮތުން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމައު ނާޝިޒު ވިދާޅުވީ، އަންނަ އަހަރަށް އެ އޮފީހުގެ ބަޖެޓު ބޮޑު ކުރި އެއް ސަބަބަކީ އިތުރު ހަތް މުވައްޒަފުން ނެގުމުގެ އިތުރުން، މުވައްޒަފުންނަށް ޑިޕެންޑެންޓް އެލަވަންސް ދިނުމަށް ކަމަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮމިޓީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަަމަށްޓަކައި 11 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްފައިވާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކަމާބެހޭގޮތުން ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނުން ދެކޭގޮތެއް ބެލުމަށް އެ ދެފަރާތަށް ސިޓީ ފޮނުވި ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ބަޖެޓް މުރާޖައާކޮށް، ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ މުއައްސަސާއަކަށް ބޭނުންވާ މުސާރައިގެ ކުރިއެރުން އަންނަ 2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ހާއްސަ ބަޖެޓްގެ ތެރޭގައި ހިމަނައިގެން ހަމަޖައްސާނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.
އޭގެ އިތުރުން ދަތުރުފަތުރުގެ ބަޔަށް އިތުރު ކޮށްފައިވާ 1.7 މިލިޔަން ރުފިޔާ އުނި ކުރުމަށް ނިންމައި، ލޯކަލް ކައުންސިލްތައް އޮޑިޓް ކުރުމަށް އިތުރު ކޮށްފައިވާ ފަސްލައްކަ ރުފިޔާ ވެސް އިތުރުނުކޮށް، މި ހިނގާ އަހަރަށް ހުށަހަޅާފައިވާ މިންގަނޑުގައި ހިފެހެއްޓުމަށާއި ކެޕިޓަލް ހަރަދުވެސް އިތުރުނުކޮށް، ހަމަ އެ މިންގަނޑުގައި ހިފެހެއްޓުމަށް ލަފާދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ބަޖެޓާމެދު ކޮމެޓީން ގޮތެއް ނިންމުމަށް ނާޝިޒު ބަހުސަށް ހުޅުވައިލިއެވެ.
އެކަމާ ގުޅިގެން ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ، ބަޖެޓަށް ލަފާދީފައި ވަނީ މިހާރު ހުންނެވި ފިނޭންސް މިނިސްޓަރު ކަމަށްވި ނަމަވެސް އެ ބަޖެޓް ތަންފީޒު ކުރާނީ ދެން ވެރިކަމާ ހަވާލުވާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށެވެ. އެހެންކަމުން އޮޑިޓް އޮފީހުގެ ބަޖެޓަށް އިންތިހާބީ ރައީސް އޮފީހުގެ ލަފައެއް ލިއުމުން ހޯދުމަށް ރިޔާޒު ހުށަހެޅުއްވިއެވެ. ރިޔާޒުގެ އެވާހަކައަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްވެސް ތާއީދު ކުރެއްވިއެވެ.
ނަމަވެސް ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓްގެ މައްސަލައަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށެވެ. އެއީ އޮޑިޓް އޮފީހުން ހުށަހަޅައިގެން ސީދާ މަޖިލީހުން ނިންމަންޖެހޭ ނިންމުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ މިހާރު އޮތް ސަރުކާރުންވެސް އަދި އިންތިހާލީ ރައީސްގެ އޮފީހާވެސް ބެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ހުށަހެޅުއްވީ އޮޑިޓް އޮފީހުން ހުށަހަޅާފައިވާ ގޮތަށް 123 މިލިޔަން ރުފިޔާގެ ބަޖެޓް ފާސް ކުރުމަަށެވެ. ނަމަވެސް އެއްވެސް މެންބަރެއްގެ ތާއީދެއް ނުލިބުނެވެ.
ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ކޮމިޓީގައި އޮތީ އޮޑިޓާ ޖެނެރަލްގެ ބަޖެޓްގެ މަސައްކަތްކަން އެނގި ތިބެ، ދެން އަންނަން އޮތް ސަރުކާރަށް ނިސްބަތްވާ މެންބަރުން ކޮމިޓީއަށް ވަޑައިނުގަންނަވާ ކަމަށެވެ. ބަޖެޓަށް އެބޭފުޅުންގެ ލަފާ ބޭނުންވާކަން އެނގި ތިބެ އެ ބޭފުޅުން ވަޑައިނުގަތުމަކީ ދެރަ ކަމެއް ނަމަވެސް އެއީ ކޮމިޓީގައި މެންބަރުން ކުރަންޖެހޭ މަސައްކަތް ނުކޮށް މަސައްކަތް ހުއްޓާލައިގެން ތިބެންޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަންގެ ލަފާގައިވާ ގޮތަށް، އިދާރީ ބަޖެޓް 74 މިލިޔަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި ހުޅުމާލޭގައި ހަދާ އޮޑިޓް އޮފީހުގެ އާ އިމާރާތުގެ ގޮތަށް، ޕީއެސްއައިޕީ ހަރަދުގެ ގޮތުގައި ހިމަނާފައިވާ 38.1 މިލިޔަން ރުފިޔާއާއެކު ޖުމްލަ 112،279،129 ރުފިޔާގެ ބަޖެޓެއް އަންނަ 2024 އަހަރަށް އޮޑިޓް އޮފީހަށް ކަނޑައެޅުމަށް ކޮމިޓީން ފާސްކުރަން ގަފޫރު ހުށަހެޅުއްވިއެވެ.
ގަފޫރުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދެވެ. އެ ހުށަހެޅުން ކޮމިޓީން ފާސްކުރިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަމުން އަންނަ ބަޖެޓެކެވެ.
ދައުލަތުގެ ބަޖެޓަށްވުރެ ކުރިން އޮޑިޓާ ޖެނަރަލް އޮފީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ، ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހިމެނިފައިވާތީއެވެ.
ކޮމިޓީން ފާސްކުރި ބަޖެޓް ދެން ފޮނުވާނީ މަޖިލިސް ތަޅުމަށެވެ. އެހެންކަމުން އޮޑިޓް އޮފީހުގެ ބަޖެޓް ދެން ފާސް ކުރާނީ މަޖިލިސް ތަޅުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު