ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާއިން ކުޅުނު މެޗުގައި އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްފިއެވެ.

ބާސާއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށްފައިވާ އިރު، އެ ނަތީޖާއާއެކު ބާސާ އޮތީ ތިންވަނައިގައެވެ. އެއީ 10 މެޗުން 24 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ ދެވަނައިގައި ޖިރޯނާ އޮތް އިރު، ރޭ އެޓީމުން ކުޅުނު މެޗުގައި އަލްމޭރިއާ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. އެޓީމުން މިވަގުތު ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްގެންނެވެ. އެއީ 10 މެޗުން 25 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ޖާއޯ ފެލިކްސް ޖެހި ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. އަނެއްކޮޅުން ނިކޯ ވިލިއަމްސްގެ ނުރައްކާތެރި ހަމަލާ މަތަކޮށް ބޭރުކޮށްލީ މާކް-އަންދްރޭ ޓާ ސްޓެގަންއެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ މެޗުގެ 80 ވަނަ މިނިޓްގައެވެ. ބަދަލަކަށް ކުޅެން އެރި 17 އަހަރުގެ މާކް ގީއޫ ގޯލު ޖެހީ ފެލިކްސް ދިން ބޯޅައަކުންނެވެ. ކުޅެން އެރިތާ 33 ސިކުންތު ހިނގި ފަހުން، ފެލިކްސް ދިން ބޯޅައަކަށް އަރައި، ގީއޫ ޖެހި ބޯޅަ ގޯލަށް ވަނީ ބިލްބާއޯގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފައެވެ. ގީއޫ އަކީ ބާސެލޯނާގެ ސީނިއާ ޓީމަށް އެންމެ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.