ވިނަރެސް ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް ހަ ޕަސެންޓަށް ކުޑަކޮށްފިއެވެ.

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް ކުރިން ކަނޑައަޅައިފައިވާ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ.

އާބަންކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންޓްރެސްޓު ރޭޓް ހަ ޕަސަންޓަށް ކުޑަކުރީ ދިގު މުއްދަތައް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެ ބަދަލާއެކު 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ސަލާމަތްވާނެއެވެ.

ވިނަރެސް ފުލެޓުތަކުގެ ކުލި ކުޑަކޮށްދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ތެރެއިން ވައުދުވެވަޑައިގެންފައެވެ. އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެގޮތަށް ވައުދުވެވަޑައިގެންފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދަން ފެށި ވިނަރެސް ފުލެޓުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފުލެޓަށް ހުޅުވާލީ މާލޭގެ ރަށްވެހިންނަށެވެ. އޭގެ އިތުރުން ގުޅިފަޅާއި ސީ ލައިފުން ފުލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށްވެސް ވިނަރެސް އިން ފްލެޓް ދިނެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށްވެސް 100 ފްލެޓް ހާއްސަކުރިއެވެ.

800-900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފުލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު ހުޅުވާލި އިރު، ފުރަތަމަ ގޮތަކީ ފްލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ވިހި އަހަރަށް ކުލި ބަހާލުމުން ކޮންމެ އެޕާޓްމެންޓަކަށްވެސް މަހަކު 19،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަންޖެހެއެވެ. އެގޮތަށް ކުލި ބަހައިލުމުން ފުލެޓުގެ ޖުމުލަ އަގު 4.9 މިލިއަން ރުފިޔާ ނުވަތަ ހަ މިލިއަން ރުފިޔާއަށް ބޮޑުވާނެއެވެ.

ޑައުންޕޭމެންޓުގެ ގޮތުގައި 20 ޕަސެންޓް ދައްކައިގެން، 25 އަހަރަށް ބަހާލައިގެން ދެއްކުމުން އެވްރެޖުކޮށް މަހަކު 16،700 ރުފިޔާ އާއި 20،500 ރުފިޔާއާ ދެމެދުގެ އަގެއް ފުލެޓަށް ދައްކަން ޖެހެއެވެ. އޭރުން ފުލެޓުގެ ޖުމުލަ އަގު 5.5 މިލިއަން ރުފިޔާ އާއި 7.3 މިލިއަން ރުފިޔާއާ ދެމެދުގެ އަގަކަށް ބޮޑުވާނެއެވެ.